ކ. މާލެ
|
13 އޭޕްރިލް 2017 | ބުރާސްފަތި 05:09
ހިސާން ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ
ހިސާން ނޫސްވެރިންނަށް އިންޓަރވިއު ދެއްވަނީ
ރާއްޖެއެމްވީ
ޤާސިމްގެ ޝަރީޢަތް
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
ހައިކޯޓުން އެނިންމީ ވަރަށް ގިނަ ނިންމުން
ފުލުހުން ކުރި ޤާސިމްގެ ތަހުގީގް ބާތިލް ވާނެ
މިހާރު ހުށަހަޅާފައިވާ ދައުވާތައް ކުރެވޭނެ އިޖުރާއަތެއް ނެތް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ގުޅިފައިވާ ޕާޓީތަކުުން ރާއްޖޭގައި މިވަގުތު ހުންނެވި ހަމައެކަނި ލީޑަރ ޤާސިމް އިބްރާހީމާމެދު ބުރާސްފަތި ދުވަހު (މިއަދު) ބާއްވާ ޝަރީޢަތް ޤާނޫނާ ޚިލާފްވާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

 

ހިސާން މިފަދައިން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 

ހިސާން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށްގޮސް ވަކާލާތު ކުރުމާއި ސިޔާސީ ކަންކަމުގައި އުޅުމަކީ ވަރަށް ބުރަ ކަމެއް ކަމަށާއި އެހެންނަމަވެސް އެކަމުގައި ދެމިހުންނަނީ އުއްމީދުތަކެއް ކުރެވޭތީ ކަމަށެވެ. އެގޮތުން ހައިކޯޓުން ބުދަދުވަހު ކުރި ހުކުމަކީ ލިބުނު އުއްމީދެއް ކަމަށާއި ރާއްޖޭގެ ކޯޓުތަކުންވެސް ރަނގަޅު ނިންމުމެއް ނިންމަފާނެކަން ދޭހަވި ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

 

ހިސާން ވިދާޅުވީ އެއީ އިންސާފެއް ލިބިދާނެ ކަމުގެ އުއްމީދެއް ކަމަށާއި އެކަމުގެ ކުޑަކުޑަ ހުޅުކޮޅެއް ދިއްލިގެން ހިނގައްޖެ ކަމަށެވެ.

 

ހިސާން ވިދާޅުވީ ފަހަރުގައި އެނިންމުމަކީ ޑްރާމާއެއް ކަމަށްވެސް ވެދާނެ ކަމަށާއި އަދި ރޭވުންތެރި ޢަމަލެއް ކަމަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް ޤަބޫލުކުރަން ބޭނުން ވަނީ ހައިކޯޓުން އެނިންމި ނިންމުމުން ދިވެހިރައްޔިތުންނަށް އުއްމީދެއް ލިބިއްޖެކަން ކަމަށެވެ. އަދި ކުރަން އުޅޭ މަސައްކަތް ކާމިޔާބު ވެދާނެކަމުގެ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބިއްޖެކަން ކަމަށެވެ.

 

ހައިކޯޓުން ޤާސިމް ދޫކޮށްލުމަށް ކުރި ހުކުމަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ހައިކޯޓުން އެނިންމީ ފުލުހުން ހިންގި އިޖުރާއަތު ތަކަކީ ޤާނޫނާ ޚިލާފް ކަންތައްތަކެއްކަމަށެވެ. އަދި އޭގެ ފަހުން އައި ހުރިހާ ކަމަކީ ބާތިލް ކަންތައްކެއްކަމަށް ހިސާން ވިދާޅުވިއެވެ.

 

ހިސާން ވިދާޅުވީ ފުލުހުން ޤާސިމް ހައްޔަރުކޮށްގެން ހިންގި ތަހުގީގާއި އެތަހުގީގުން ހޯދި ހުރިހާ ހެއްކަކީ ޤާނޫނީ އިޖުރާއަތުގެ ބޭރުން ހޯދިފައިވާ އެއްޗެހިތަކެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޤާސިމްއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކަކީ ޤާނޫނީ އިޖުރާއަތުތަކުގެ ބޭރުން ހުށަހަޅާފައިވާ ދައުވާތަކެއް ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ޤާސިމްގެ މައްޗަށް ހުށަހަޅާ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ޝަރީޢަތްތައް ހިންގޭނެ ޤާނޫނީ އެއްވެސް އިޖުރާއަތެއް ނެތްކަމަށް ހިސާން ވިދާޅުވިއެވެ.

- ކޮމެންޓް