ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކޮށް، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ އޮނިގަނޑަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލަކީ، މިހާރަށްވުރެ ބޮޑަށް ރާއްޖެ މަރުކަޒީކޮށް، ރައްޔިތުންގެ ބާރު ކަނޑުވާލާ ބަދަލެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެލްޖީއޭގެ އޮނިގަނޑަށް ގެނައި ބަދަލާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ބަދަލަކީ ރާއްޖެ މިހާރަށްވުރެވެސް މަރުކަޒީކޮށް، ރައްޔިތުންނާއި ސިދާ ގުޅުންހުރި ކަންކަމުގައި އެ ރައްޔިތުން ބަސްބުނުމުގެ ޙައްޤު ނިގުޅައިގަތުން ކަމަށެވެ.
Disappointed with change to LGA structure. More centralising. Stripping people of their say in their own affairs.
— Maumoon Abdul Gayoom (@maumoonagayoom) April 12, 2017
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައި ވަނީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ، ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށެވެ. މި އިސްލާހުގައި ބަޔަންކުރާ ގޮތުގައި، އެލްޖީއޭ ބޯޑު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެގޮތުން މި ބޯޑުގައި ހިމެނޭނެކަމަށް އިސްލާހުގައި ބުނާ ފަސް މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.
އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރެއްވުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވަވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް މި އިސްލާހުގައިވެއެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމައެވެ.
މީގެ އިތުރުންވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.
މިހާރު އެލްޖީއޭގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.