މަނާ ގަޑީގައި ބޭރުގައި އުޅެން 145 މީހަކަށް ނަސޭހަތްދީފައިވާއިރު މާސްކު ނާޅާ އުޅުނު 19 މީހަކު ޖޫރިމަނާކޮށްފިއެވެ.
ބުދަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ ޖޫރިމަނާކޮށްފައިވާ 19 މީހުންނަކީ އަންގާރަ ދުވަހުގެ އިރުއޮއްސި 06:00ން ބުދަ ދުވަހުގެ އިރުއޮއްސި 06:00 އަކާއި ހަމައަށް އުޅުނު މީހުން ކަމަށެވެ. އަދި އެ ގަޑީގައި މާސްކު ނާޅާ އުޅުނު 120 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ.
މިހާތަނަށް ޖުމްލަ 986 ނަސޭހަތްދީފައިވާއިރު 151 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ އިތުރަށް ވިދާޅުވީ 235 އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތް ދޭ 51 ތަނާއި 154 ފިހާރައާ 5 ޖިމްގެ އިތުރުން 4 މާރުކޭޓު ހިމޭނެކަމަށެވެ.
މީގެ ތެރެއިން އެޗްޕީއޭގެ އުސޫލާއި ހިލާފުވެގެން 20 ތަނެއް ބަންދުކޮށްފައިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރޭގައި 6 ސެލޫން، 8 ފިހާރަ، 3 މާރުކޭޓު އަދި ކާބޯތަކެތީގެ ހިދުމަތްދޭ 3 ތަނެއް ހިމެނޭ ކަމަށެވެ.
ބޭރުގައި އުޅުން ހުއްދަ ވަގުތުގައި ވެސް ކޮންމެހެން ނުކުނަން ޖެހިގެން ނޫނީ ބޭރުގައި އާންމުން ހަރަކާތްތެރިނުވުމަށް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއިން ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވަމުން އަންނައިރު މިހާތަަނަށް، 4،594 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ޖުމްލަ 2294 ދިވެހިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.