ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާނުކުރެވި ތިބި ވަކީލުން 1 މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު، ވަކީލު ކަމުގެ ހުއްދަ ލިބޭގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ތަސްދީޤު ކުރައްވައިފިއެވެ.
ބުދަ ދުވަހު ރައީސް ސޯލިޙު ތަޞްދީޤްކުރެއްވި، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 22 ޖުލައި 2020 ވި ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ބިލެކެވެ.
މި އިސްލާޙުގައި ބުނާގޮތުން، އިސްލާޙު ޤާނޫނަކަށްވެ އަމަލު ކުރާ ހިސާބުން ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރެވިފައި ނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބަރ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަން ޖެހެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަން ކުރާނެ ގޮތް ބަޔާން ކުރާ އުޞޫލު ބަރ ކައުންސިލުން އެކުލަވާލައި، މި ޤާނޫނަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢުކުރަން ވެސް ޖެހެއެވެ.
އަދި މި މި އުޞޫލު ގެޒެޓު ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުން، ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ޤާނޫނުގައި ބަޔާން ކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޤާނޫނީ ވަކީލުކަމުގެ ހުވައި ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޤާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބަރ އިމްތިޙާނުގައި ބައިވެރިވުން ވެސް ބިލުގައި ލާޒިމު ކޮށްފައިވެއެވެ.
ޤާނޫނީ ފަންނުގެ ޤާނޫނު އައުމުން ޤާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔެވުމަށްފަހު ހުވާ ނުކުރެވި ތިބި 156 ވަކީލަކު މީގެ ކުރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ. އެގޮތުން ހުވާ ނުކުރެވުމުގެ ސަަބަބުން އެ ދަރިވަރުންނަށް ގެއްލުންތަކެއް ވަމުންދާ ކަމަށާއި، އެގޮތުން ވަޒީފާ ދޭ އިރު ހުވާ ނެތުމުން ހަމަ މުސާރަ ނުލިބުމާއި، ޕްރޮމޯޝަން ނުދިނުމާއި، ބޭނުންވާ ވަޒީފާ ނުލިބުން ފަދަ ކަންކަން އެ ދަރިވަރުންނަށް ދިމާވަމުންދާ ކަމަށް ބަޔާން ކޮށްފައިވެއެވެ.