Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 23:16
ރައުދާގެ މަރާ ގުޅޭގޮތުން ދިވެހި ފުލުހުން ބޭއްވި ޕްރެސް
ރައުދާގެ މަރާ ގުޅޭގޮތުން ދިވެހި ފުލުހުން ބޭއްވި ޕްރެސް
އަޝްވާ ފަހީމް
ރައުދާގެ މަރު
ރައުދާގެ މަރުގައި އާދަޔާޚިލާފު ކަމެއް ނެތް، ކަރުގައި ހިފާފައި ހުރިކަމަކަށްވެސް ނުބެލެވޭ: ފުލުހުން
ސީރަތުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު، އެ ފޯނުން އެއްވެސް އާދަޔާޚިލާފު މައުލޫމާތެއް ނެތް
ދަންޖެހިގެން މަރުވާ މީހުންގެ އަނގައިން ފައިބާ ސޮނި ރައުދާގެ އަނގައިން ވެސް ފައިބާފައި ހުރި
ކަރުގައި ހިފަފައި ހުރިކަމަށް ނުބެލެވޭ

ބަންގްލަދޭޝްގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގުގައި އާދަޔާ ޚިލާފު ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

 

ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލްގައި މިދިޔަ މާޗްމަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި "ދަންޖެހިގެން" މަރުވެފައި ހުއްޓާ ފެނުނު ރައުދާގެ މަރު ތަހުގީގު ކުރުމަށް އެގައުމަށް ދިޔަ ދިވެހި ފުލުހުންގެ ޓީމަށް ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް ވިދާޅުވީ،  ރައުދާގެ މަރާ ގުޅިގެން ބަންގްލަދޭޝްގެ ފުލުހުންނާއި ގުޅިގެން ވަރަށް އެކަށީގެންވާ ތަހުގީގެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

 

ރައުދާގެ މަރާ ގުޅޭގޮތުން ބަންގްލަދޭޝްއަށް ދިޔަ ތަހުގީގު ޓީމުގައިވެސް ހިމެނި ވަޑައިގަންނަވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް ވިދާޅުވީ ރައުދާގެ މަރުގައި އާދަޔާ ޚިލާފު ކަމެއް ހިނގާފައި ނެތް ކަމުގައި ވިޔަސް، ރައުދާ މަރުވި ފަހުން އެ ހާދިސާގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަން އެހެން ފަރާތަކުން މަސައްކަތް ކުރި ކަން އެނގިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ރައުދާގެ މަރާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް އެއްކުރެވުނު ކަމަށާއި، އެގޮތުން ރައުދާ އާއިއެކު އެ ކޮލެޖްގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރުންގެ އިތުރުން، މި މައްސަލާގައި ރައުދާގެ އާއިލާއިން އެންމެބޮޑަށް ތުހުމަތު ކުރާ އެއް ދަރިވަރުކަމަށްވާ ސީރަތު ޕަރުވީނާވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ސުވާލުކުރިކަމަށެވެ. އަދި ސީރަތުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު، އެ ފޯނުންވެސް އެއްވެސް އާދަޔާ ޚިލާފު މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި ރައުދާގެ ފޯނުން ސީރަތާ އެކު އާދަޔާ ޚީލާފު މުއާމަލާތެއް ހިނގާފައިވާކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

 

ރައުދާ އާތިފްގެ އާއިލާއިން އެންމެ ބޮޑަށް ސުވާލު އުފައްދާ އެއް ކަމަކީ ރައުދާ ދަންޖެހިފައި ހުރި ކޮޓަރީގެ ދޮރަށް ގެއްލުމެއް ނުލިބި ވަދެފައި ހުރީ ކިހިނެއްތޯކަން ފާހަގަކޮށް އެ ސުވާލުގެ ޖަވާބު ދެމުން ފުލުހުން ބުނީ، ކޮޓަރީގައި ހުރީ ދެފަރާތަށް ދަމާލެވޭ ގޮތަށް ހުރި ބޮޑު ތަންޑެއް ކަމަށެވެ. އަދި އެ ތަންޑު ނައްޓާފައިވަނީ، އެ ކޮލެޖްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެއްގެ އިތުރުން އެ ކޮލެޖްގެ ސެކިއުރިޓީގެވެސް އެހީތެރިކަމާއި އެކު ކަމަށާއި އެ ދޮރަކީ ދެފަރާތަށް ތަޅުވަމުންގޮސް ހުޅުވިދާނެ ދޮރެއްކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

ރިޔާޒް ވިދާޅުވީ ރައުދާ ދިރިއުޅުނު ކޮޓަރިއަކީ މައި ދޮރުން ނޫން ގޮތަކަށް ވަދެ ނުކުމެވެން ނެތް ތަނެއް ކަމަށާއި، އެ ދޮރުން ނުކުތުމަށް ފަހު، ދޮރުގެ އެތެރޭގައި ހުރި ތަންޑު އެޅުވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި އެ ކޮޓަރިއަކީ ކުޑަދޮރަކުންވެސް ބޭރުން ނުވަދެވޭގޮތަށް އެތެރެއިން ދަގަނޑު ދާ ޖަހައި ބަންދުކޮށްފައިވާ ކޮޓަރިއެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

" އެއީ ދެދޮރުފަތް ލީ ދޮރެއް. ދެ ދޮރުފަތް ހުރީ ކޮންމެވެސް ވަރަކަށް ފޭވެފައި. ގާތްގަނޑަކަށް 2 ނުވަތަ 3 މިލިމީޓަރުހާތަނަށް ހުޅުވޭ، އެއީ ދޮރުގެ ދެފަރާތުން ހިފާ ދުރުކޮށްލުމުން. ދޮރު ލައްޕާފައި ހުރި ކަމުގައި ވިޔަސް ކޮޓަރީގެ އެތެރެ އެ ދޭތެރެއިން ފެނޭ" ރިޔާޒް ވިދާޅުވިއެވެ.

 

ރައުދާގެ މަރަކީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް މީޑިއާތަކުގައި ތުހުމަތު ކުރި ކަމުގައި ވިޔަސް، ކޮޓަރީގެ އަލަމާރީގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، އެނދުގެ މެދުން ބިންދައިގެން ގޮސްފައި ހުރީ ރައުދާގެ މަރުގެ ކުރިން ކަން ޔަގީންކުރެވިފައިވާކަމަށާއި އެކަން ޔަގީން ކުރެވުނީ އެވާހަކަ ރައުދާގެ އާއިލާގެ މެންބަރަކަށް އޭނާ ކުރިން ހިއްސާކޮށްފައިވާތީކަމަށް ފުލުހުން ބުންޏެވެ. ރައުދާ މަރުވި ރޭ އެ ކޮޓަރީގެ ތެރޭގައި މާރާމާރީއެއް ނުވަތަ ހަމަނުޖެހުމެއް ފަދަ ކަމެއް ހިނގި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ރިޔާޒް ވިދާޅުވި ގޮތުގައި ރައުދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ސީރަތު ޕަރްވީނަށެވެ. އެކަމަކު ރައުދާ ސަލާމަތް ކުރަން އެހެން ކުދިންތައް ކޮޓަރި ތެރެއަށް ވަންނަށް ދޮރުކޮށްޕާ ތަޅުވާ ހެދިއިރު ،ސީރަތު ހުރީ ތަންކޮޅެއް ފަހަތުގަ އެވެ.

 

"ރައުދާ ސަލާމަތް ކުރުމަށްޓަކައި ކޮޓަރި އަށް ވަންނަން އުޅުނު ކުދިންގެ ތެރޭގައި ތަފާތު ހަތަރު ގައުމެއްގެ ކުދިން ހިމެނޭ" ރިޔާޒް ވިދާޅުވިއެވެ.

 

ރައުދާގެ މަރާމެދު އެންމެ ބޮޑަށް ޝައްކުކުރެވޭ ސީރަތު މީގެ ކުރިން ރައުދާއަަށް ޖޫސްތައްޓަކަށް ނިދާބޭސް އަޅައިގެން ދޭން އުޅުކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، އެކަމާ ސީރަތާއި ސުވާލުކުރިކަމަށާއި އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ސީރަތު ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ރައުދާ މަރުވި ދުވަހުގެ ކުރީ ރޭ ރައުދާއާއެކު ޑޮކްޓަރަށް ދައްކަން ސީރަތުއާ އެއްކޮށްދިޔަ ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް ފަހު، ރައުދާއަށްވުރެ ކުރިން ޕަރުވީން އެނބުރި ހޮސްޓެލްއަށް ދިޔަކަން އެނގިފައިވާ ކަމަށެވެ. އަދި ރައުދާ މަރުވުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ ދިވެހި ދަރިވަރަކަށް ކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނި ގޮތުގައި ރައުދާގެ ކޮޓަރީގެ ދެފަރާތުގައި ހުރި ދެ ކޮޓަރީގައި އުޅެމުންދިޔައީ ދިވެހި ދެ ދަރިވަރުންނެވެ. އަދި އެކުދީންނާ ސުވާލުކުރުމުންވެސް ރައުދާއާ، ގުޅޭގޮތުން އާދަޔާ ޚިލާފު އެއްވެސްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް އެކުދިންނާ ހަވާލާ ދީ ފުލުހުން ބުންޏެވެ.

 

ރައުދާ މަރުވުމަށް ފަހު އޭގެ ދުވަސްތަކެއް ފަހުން، އޭނާގެ ވަރަށް ގާތް ކުދިންތަކެއް އިންސްޓަގްރާމުން އޭނާ އަންފޮލޯ ކުރި މައްސަލައާއި ގުޅޭގޮތުން ފުލުހުުން ބުނީ، އެ ކަމާ ގުޅިގެން ކޮންމެވެސް ފަރާތަކުން ރައުދާގެ އިންސްޓަގްރާމް އެކައުންޓް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެވެސް ފަރާތަކުން މައްސަލައިގެ ފޯކަސް ބަދަލުކޮށްލަން މަސައްކަތް ކުރާ ކަން ފާހަގަކުރެވިފައިވާތީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް  ޗީފް ސްޕްރިންޓެންޑެންޓް ރިޔާޒް ވިދާޅުވި އެވެ.

 

އެ ހޮސްޓެލްގެ ސީސީޓީވީ ފުޓޭޖް ނެތް މައްސަލައާ މެދު ފުލުހުން ބުނީ، އެވާހަކަތައް މީޑިއާގައި އެކި ގޮތްގޮތަށް ރިޕޯޓްކޮށްފައި ހުރިނަމަވެސް، އެކަމުގެވެސް ވަރަށް ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގި ކަމަށެވެ. އަދި މާޗް 25 ވަނަ ދުވަހުން ފެށިގެން އެ ކޮލެޖްގެ ބައެއް ސެކިއުރިޓީ ކެމެރާތަކުގެ ސީސީޓީވީ ފުޓޭޖްތައް ސާވާގައި ރެކޯޑް ކުރެވިފައި ނެތް ކަން ފާހަގަކުރެވުނު ނަމަވެސް އެކަން އެގޮތަށް މެދުވެރިވެފައިވަނީ ބައެއް ކެމެރާތައް ހަލާކުވެފައިވާތީ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ކެމެރާތައް މާކުރިން ހަލާކުވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

ރައުދާ މަރުވި ރޭ އޭނާ އެހެން ދިވެހި ކުއްޖެއްގެ ލެޕްޓޮޕެއް ބޭނުންކޮށްލަން ގެންދިޔަ ކަމަށާއި އެ ލެޕްޓޮޕުން އެހެން މީހެއްގެ ފޭސްބުކް އެކައުންޓަކަށް ވަދެފައިވާ ކަން އެނގުމުން ދިވެހި ކުދިންނާ އިތުރަށް ސުވާލު ކުރަން ޖެހުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.

 

ރައުދާގެ ފޯން ހުޅުވުނީ، އޭނާގެ ރައްޓެހި އެހެން ކުއްޖަކަށް ރައުދާގެ ފޯނުގެ ޕާސްވޯޑް އެނގިފައި އޮތުމުންނެވެ. އޭނާ އަށް ރައުދާގެ ފޯނުގެ ޕާސްވޯޑް އެނގުނީ ރައުދާގެ ފޯނުން ރެސިޕީއެއް ބަލަމުން ދިޔަ ވަގުތު ފޯން ލޮކްވެގެން ރައުދާ ކައިރީގައި އެހުމުން ރައުދާ އަލުން ޕާސްވޯޑް ދިނުމުންކަމަށް ފުލުހުން ބުންޏެވެ.

 

ރައުދާގެ ފޯނުގެ ޕާސްވޯޑް އެނގުމުން ފޯނު ހުޅުވައިގެން މައްސަލައާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ފޯނުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މާލޭގައި ހުރި ރައުދާއާ ގުޅުން އޮތް މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޗީފް ސްޕރިންޓެންޑެންޓް މުހައްމަދު ރިޔާޒް ވިދާޅުވީ، ރައުދާގެ ކަރުގައި މީހަކު ހިފުމުން ބާރުވެފައިވާ ކަހަލަ ގޮތަކަށް ހުރި ނިޝާނަކީ، ދަންޖެހެން ބޭނުންކޮށްފައި ހުރި ސްކާފްގައި ހުރި ކޮންމެވެސް ލޯ ޒާތުގެ މައުދަނެއްގެ ބޮޅުތަކެއްގެ ސަބަބުން ޖެހިފައިހުރި ނިޝާންތަކެއްކަމަށް ބެލެވޭ ކަމަށެވެ. އަދި މީހަކު ކަރުގައި ހިފާފައި ހުރިކަމަށް ބެލެވޭ ނިޝާންތަކަކަށް ވުރެ ބޮޑަށް، ބެލެވެނީ، ދަންޖެހުމަށް ބޭނުންކޮށްފައި ހުރި، ދެ ސްކާފް ގުޅުވަން ޖެހި ގޮށް ރައުދާގެ ކަރުގައި ޖެހި ބާރުވެފައި ހުރުމުން ފާހަގަވާ ނިޝާނެއް ކަމަށް ބެލެވޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

 

ދަންޖެހިގެން މަރުވާ މީހުންގެ އަނގައިން ސޮނިފައިބާ ގޮތްވެފައި ހުންނާނެ ކަމަށާއި އެފަދަ ނިޝާނެއް ރައުދާގެ ހަށިގަނޑުން ފެނިފައި ނުވާކަމަށް އާއިލާއިން ބުނެފައިވާ ބުނުމާމެދު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން، ރިޔާޒް ދެއްކެވީ ރައުދާ ދަންޖެހުމަށް ބޭނުންކުރިކަމަށް ބުނާ ނޫކުލައާއި ހުދު ކުލައިން އޮތް ޝޯލް އެކެވެ. އަދި އެ ޝޯލްގައި ހުރި ލައްތަކެެއް ދައްކާ ފުލުހުން ބުނީ އެއީ ސޮނިކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އޭގެ ސާމްޕަލްތައް ވެސް ނަގާ ޓެސްޓްތައް ހަދަމުންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

ރައުދާ ދަންޖެހިފައި ހުއްޓާ ފެނުމުން އެވަގުތުގެ ފޮޓޯއެއް އެއްވެސް ގޮތަކަށް ފެނިފައި ނުވާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުން ބުނީ، އެ ދަނޑިވަޅުގެ ނާޒުކުކަމާއެކު، ފޮޓޯއެއް ނެގިފައި ނެތުމަކީ ގަބޫލުކުރެވޭ ކަމެއް ކަމަށެވެ.

 

މައްސަލައިގެ ތަހުގީގުގެ ކަންކަން ނުނިމެނީސް  ބަންގްލަދޭޝްގެ ފުލުހުން ކްރައިމް ސީން ރޫޅާލައިފައި ވުމާއި އަދި ބަގްލަދޭޝްގެ ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި ގުޅޭގޮތުން ފުލުހުން ބުނީ، އެބޭފުޅުންގެ ޕްރޮފެޝަނަލިޒަމްއާއި މެދު ސުވާލު ނުއުފައްދާކަމަށެވެ.

 

ފުލުހުން ބުނީ ރައުދާގެ މަރުގައި އެެއްވެސް އާދަޔާ ޚިލާފުކަމެއް ފާހަގަކުރެވިފައި ނުވިނަމަވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ، ރައުދާ އަމިއްލައަށް މަރުވިކަމަށް ގަބޫލުކުރާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ލިބޭ ކުރިއެރުންތައް މީޑިއާއަށް ހިއްސާ ކުރާނެކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
11 އޭޕްރިލް 2017 | އަންގާރަ 19:51
ސައިދް
!މިކީ އެއްޗެއް މިމީހުންނައް އެނގޭބާ؟ މިމައްސަލަ އޮއްބިޔަނުދީ ކުރިޔައްގެންދެވޭތޯ ބަލަންޖެހޭ