ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ހަތީބުން އިތުރު ތަމްރީނު ހޯދުމަށް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރަކީ، ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.
މައްކާއަށް ފުރި ޓީމުގައި ހިމެނޭ 12 އިމާމުންގެ ތެރެއިން 7 އިމާމުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާއިރު ބާކީ ފަސް އިމާމުން އަންނަ ބުދަ ދުވަހު މައްކާއަށް ފުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.
މި ވޯކްޝޮޕްގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުއްމުލްގުރާ ޔުނިވަރސިޓީގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ދަށުން ގުރްއާނާއި ފިގްހުގެ އިތުރުން، އިމާމުންގެ ގޮތުގައި މަސައްކަތްކުރާއިރު މުޖުތަމައުގައި ދިމާވާ ދީނީ އަދި އިޖްތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އިމާމުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލު ކުރާނެ ގޮތާއި އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ކިޔަވާދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އިމާމުންނާއި ހަތީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ނަމުގައި އެ މިނިސްޓްރީން ފެށި ސިލްސިލާ ބައްދަލުވުންތައް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރުން ފުރުސަތު ހޯއްދަވައިގެން އިމާމުންނަށް ތަމްރީން ދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި އިމާމުންގެ ފުރަތަމަ ބެޗް ސައުދީއަށް ގޮސްފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިމާމުންގެ އިތުރު ބެޗްތަކެއް ސައުދީ އަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މީގެއިތުރުން، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ދިވެހި އިމާމުންނަށް ތަމްރީން ޕްރޮގްރާމުތަކާއި ވޯކްޝޮޕް ގެ ފުރުސަތުތައް އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.