Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 17:02
ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ އެ ޕާޓީގެ އިންތިޚާބީ ރައީސް މައުމޫން
ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ އެ ޕާޓީގެ އިންތިޚާބީ ރައީސް މައުމޫން
މިހާރު
އިތުބާރުގެ މައްސަލަ
ރައީސް ވަކިކުރުމަށް 29، މަޖިލިސް ރައީސް ވަކިކުރުމަށް 42، ހަމަބުއްދި ކޮބާ؟: ރައީސް މައުމޫން
މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅޭނީ 42 މެންބަރުން ސޮއިކޮށްގެން
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުގެ މައްސަލަ ހުށަހެޅޭނީ 29 މެންބަރުން ސޮއިކޮށްގެން
ގަވާއިދު އިސްލާހު ކުރީ ގާނޫނު އަސާސީއާ ޚިލާފަށް، އަލިފުންޔާއަށް ބާތިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅާ ގަރާރުގައި ސޮއިކުރަންޖެހޭ މެންބަރުންގެ އަދަދު 15 އިން 42 އަށް ބަދަލުކުރުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

 

އިންޑިއާގައި ހުންނެވި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ގަރާރު 29 މެންބަރުންގެ ސޮޔާއެކު ހުށަހެޅިދާނެ ކަމަށާއި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ހުށަހަޅަންޖެހިފައި މިވަނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.

އެކަން ފާހަގަކުރައްވައި ރައީސް މައުމޫނު ވަނީ ހަމަ ބުއްދި ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ އާއްމު ކޮމެޓީން އާދިއްތަ ދުވަހު ފާސްކުރި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހައި، 46 މެންބަރުންގެ ވޯޓާއެކު އިސްލާހު ފާސްކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. އެ އިސްލާހު ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި މާއްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފަ އެވެ.

 

ކުރިން 15 މެންބަރުންގެ ސޮޔާއެކު މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުނު ނަމަވެސް، އެ އިސްލާހު ފާސްކުރުމާއެކު މީގެ ފަހުން މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ކަމަށްވާ، 42 މެންބަރުންގެ ސޮޔާއެކު އެވެ.

 

އެ އިސްލާހު މަޖިލިހަށް ހުށަހަޅައި ފާސްކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާ ވެސް ކޮށްފައިވަނިކޮށެވެ. ނަމަވެސް، އެ އިސްލާހު ފާސްކުރުމާއެކު އިތުބާރުގެ އެ މައްސަލަތައް ބާތިލްވީ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

 

ހޯމަ ދުވަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ މަޖިލިސް ކުރިއަށް ގެންދިޔަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މަޖިލިސް ކުރިއަށް ގެންދިޔައީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށާއި، ޖަލްސާގައި ނިންމި ހުރިހާ ކަމެއް "އަލިފުން ޔާއަށް" ބާތިލް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް