Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 15:05
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް
ރާއްޖެ އެމްވީ
ގާސިމް ހައްޔަރުކުރުން
ގާސިމް ވަނީ ވަގަށް ނަގައި ރަހީނު ކޮށްފަ، ރައީސް ޔާމީނާއި ފުލުހުންގެ މައްޗަށް ދައުވާ ކުރެވޭނެ: މަޚުލޫފް
10 އަހަރުގެ ޖަލު ހުކުމެއް އަންނަ ޓެރެރިޒަމްގެ ދައުވާ ކުރެވޭނެ
ގާސިމް ހައްޔަރުކުރުމުން ދޭހަކޮށްދެނީ މަސީހުގެ ވޯޓުގައި ސަރުކާރު ބައިވެރިވިކަން
ސަރުކާރު ބަލިކަށިވެ، ވީރާނާވެ ހުލިވަމުންދާކަން ހާމަކޮށްދޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒު ޤާނޫނާ ޚިލާފަށް ސަރުކާރުން ވަގަށް ނަގައި ރަހީނުކޮށްފައި ކަމަށާއި އެ ޣައިރު ގާނޫނީ އަމަލުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ވިދާޅުވެއްޖެ އެވެ.

 

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ މަޚުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި، ހޯމް މިނިސްޓަރު އަޒްލީން އަޙްމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާއި، ހައްޔަރުކުރުމުގެ އަމުރު ނެރެ މުއްދަތު ޖެހި ފަނޑިޔާރާއި، ހައްޔަރު ކުރަން އަމުރު ކުރި ފުލުހުންނާއި އަދި ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހުންގެ މައްޗަށް ގާސިމް ހައްޔަރުކުރުމުގެ ޣައިރު ގާނޫނީ އަމަލު ހިންގި ކަމަށްޓަކައި 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ޓެރެރިޒަމްގެ ދައުވާ ކުރެވޭނެކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

 

"އިންސާނުންނަކީ ކުށް ކުރެވޭ ބަޔަކަށް ވީހިނދު، ހެދިފައިވާ ގޯސް ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަކީ ހަމަގައިމު ވެސް އެކަމުގެ ފައިދާ ލިބޭނެ ކަމެއްކަން" ފާހަގަކުރައްވައި މަޚުލޫފް ވަނީ ވަގުތުން ގާސިމް މިނިވަންކުރުމަށް ފުލުހުންނާއި ސަރުކާރަށް ގޮވާލައްވާފަ އެވެ.

                                                              

މަޚުލޫފް ވިދާޅުވީ ގާސިމް ވަގަށް ނެގުމުން ސާބިތު ކޮށްދެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ނެގި ވޯޓުގައި ސަރުކާރު ބައިވެރިވުން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ އިދިކޮޅު އިއްތިޙާދު އުފެދުމުން ރައީސް ޔާމިން ބިރުފުޅު ގަނެފައިވާ މިންވަރު ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާ، ބިރު ދައްކާ އަދި ކުރަމުންދާ ގޯނާ އާއި ދުއްތުރާއިން ހާމަކޮށްދެނީ މި ސަރުކާރު ބަލިކަށިވެ، ވީރާނާވެ އަދި ހުލިވަމުންދާކަން ކަމަށް މަޚުލޫފް ވިދާޅުވި އެވެ.

 

މީގެ އިތުރުން މަޚުލޫފް ވަނީ ހަތަރު ޕާޓީގެ ލީޑަރުންގެ ފަހަތްޕުޅުގައި ރައްޔިތުން ވަމުންދާ ގުރުބާނީއަށް ޝުކުރުއަދާކުރައްވާފަ އެވެ. މަޚުލޫފް ވިދާޅުވީ އެ ހުރިހާ ފަރާތްތަކެއްގެ ހިތްވަރުން އޭނާގެ ހިތްވަރު ގަދަވެފައިވާ ކަމަށެވެ. މުޒާހަރާއެއް ނިންމާފައި ގޮސް މިސްކިތުގައި އިންނަވަނިކޮށް އެއްވެސް ކޯޓު އަމުރެއް ނެތި، އިމްތިޔާޒު ގާނޫނާ ޚިލާފަށް ދޫނިދޫ ގޮޅީގައި އޭނާ ހައްޔަރު ކުރިކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

 

މަޚުލޫފް ވަނީ ރައީސް ޔާމިންގެ ވެރިކަން ނިންމުމުގެ ސިއްކަ ޖެހުމަށް މެއި މަހުގެ 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ގޭގައި ނުތިބެ އިދިކޮޅު ކެނޑިޑޭޓުންނަށް ވޯޓު ދިނުން ގައުމީ ވާޖިބަކަށް ހެދުމަށް ގޮވާލައްވާފަ އެވެ.

 

މަޚުލޫފް ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދެއްވި 49 އިންސައްތަ ރައްޔިތުންނާއި، ގާސިމް އިބްރާހީމް އަށް ވޯޓު ދެއްވި 25 އިންސައްތަ ރައްޔިތުންނާއި، އަދި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ސަޕޯޓަރުންގެ ތާއީދާއެކު 90 އިންސައްތައާ ގާތްކުރާ ނަތީޖާއަކުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުވުމުގެ ކުލަވަރު ފެންނަމުންދާ ކަމަށެވެ.

 

މަޚުލޫފްގެ މައްޗަށް ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ދައުރަށް ދަތިކުރި ކަމަށް ބުނެ އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި މަޚުލޫފް މިނިވަން ވާނީ ޖޫން މަހުގެ 8 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް