ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ތިން މަހަށްވުރެ ގިނަ ދުވަހު ބަންދު ކުރުމަށްފަހު ހުޅުވާލުމާއެކު، އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް ބުރާސްފަތި ދުވަހު ރާއްޖެ އަތުވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ރާއްޖޭގެ ބޯޑަރު ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، ހުޅުވާލުމާއެކު، އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް ބުރާސްފަތި ދުވަހު ރާއްޖެއައިސްފައިވަނީ 101 ފަސިންޖަރުންނާއެކު ކަމަށެވެ.
ރާއްޖޭގެ ބޯޑަރު ބުދަ ދުވަހު ހެނދުނު ހުޅުވާލުމައެކު ފުރަތަމަ ޖައްސާފައިވަނީ ގަތަރު އެއަރވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 127 މީހަކު ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރޭގައި 100 ފަތުރުވެރިން ހިމެނެ އެވެ. ދެން އައީ 27 ދިވެހިން ނެވެ.
ގަތަރުގެ ފްލައިޓު ބުދަ ދުވަހު އެއާޕޯޓުގައި ޖައްސާފައި ވަނީ ހެނދުނު 8:27 ހާއިރުއެވެ. އެ ފްލައިޓުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑް-19ށް ޓެސްޓްކުރުމަށް ނިންމާފައި ނުވެއެވެ. ނަމަވެސް އަލާމާތް ފެންނަ މީހެއް ނަމަ ޓެސްޓް ހެދުމަށް ވަނީ ނިންމާފައެވެ. ވެލާނާ އެއަރޕޯޓުން ބުނެފައިވަނީ ބޯޑަރު ހުޅުވާލުމާއެކު އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ.