މި އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން ބުނީ އިންތިހާބުގެ ދުވަސްވަރަކީ ސިޔާސީ ގޮތުން ހާއްސަ ވާދަވެރިކަމެއް އުފެދޭނެ ދުވަސްވަރަކަށް ވުމާއެކު އެ ދުވަސްވަރު ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓްގައި ސިޔާސީ ކޮންޓެންޓް އާދަޔާ ޚިލާފަށް ހިމެނިފައި ހުންނާނެ ކަމަށެވެ. އެހެންކަމުން މި ދުވަސްވާރާ ދިމާކޮށް މޮނިޓަރކުރުމުގެ މި ޙާއްޞަ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓެއްގެ ސަބަބުން ކެންޑިޑޭޓުންގެ އިންތިހާބީ ހައްޤުތަކަށް އުނިކަން އަތުވެދާނޭ ފަދަ ކޮންޓެންޓް ބަލައި މޮނިޓަރކުރުން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ މޮނިޓަރކުރެވޭނީ ކަނޑައެޅޭ ޓީވީ ޗެނެލްތަކުގެ ޕްރައިމް ޓައިމް ކަމުގައި ވާ ރޭގަނޑު 8.00 އިން ދަންވަރު 12 އަށް ގެނެސްދޭ ކޮންޓެންޓްއެވެ. އަދި މޮނިޓަރކުރާއިރު ބެލޭނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ ޤާނޫނުގެ އިންތަކާ ޚިލާފު ކޮންޓެންޓް ހިމަނާފައި ހުރިތޯ ކަމަށެވެ.
މޮނިޓަރިންގެ މި ޚާއްސަ މަސައްކަތުގައި މޮނިޓަރކުރެވޭނީ ނިއުސް އާއި ކަރަންޓް އެފެއަރސް، ޑިރެކްޓް އެކްސެސް އަދި ސިޔާސީ ޕްރޮގަރާމްތައް ގެނެސްދޭ ޗެނެލްތައް ކަމަށާއި މީގެ އިތުރުން ވެސް އެހެން ޗެނެލަކުން ޚަބަރު ނުވަތަ މިފަދަ ކޮންޓެންޓް ގެނެސްދޭން ފަށައިފި ނަމަ އެ ޗެނެލެއް މޮނިޓަރކުރުމަށް ހަމަޖެހިފައިވާކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.
އެކޮމިޝަނުން ބުނީ މޮނިޓަރކުރުމުގެ މަސައްކަތް ކުރާނީ ކޮމިޝަނުގެ ގިނަ މުވައްޒަފުން ހިމެނޭ ގޮތަށް "އިލެކްޝަންސް މޮނިޓަރިންގ ޓާސްކް ފޯސް" އެއް އެކުލަވާލައިގެން މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަމަ ކޮންޓެންޓް މޮނިޓަރކުރުމަށްފަހު، މޮނިޓަރިންގ އިން ފާހަގަކުރެވޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައި އަވަހަށް އެޖުޑިކޭޓްކުރެވޭނޭ ފަދަ އިންތިޒާމެއްގެ ދަށުން ބެލުމަށް ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން ބުންޏެވެ
ބްރޯޑްކޮމްއިން ބުނީ މޮނިޓަރ ކުރުމުގެ މަސައްކަތް ކުރާނީ އޭޕްރިލް 6 ން ފެށިގެން މެއި މަހުގެ ނިޔަލަށް ކަމަށާއި އެމަސައްކަތުގެ ފަހު ބަޔަކީ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ތަފާސް ހިސާބުތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލާ ނެރުން ކަމަށެވެ.
ބްރޯޑްކޮމްއިން މިފަދަ މޮނިޓަރިންގ މަސައްކަތެއް ފަށާފައިވާއިރު ޓީވީ ޗެނަލްތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކޮމިޝަނަށް ފާޑު ކިޔަމުންނެވެ.