Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 20:49
ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫން(ކ) އާއި ސިފާމް
ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫން(ކ) އާއި ސިފާމް
ގޫގުލް
ޒިޔަދަމްގެ މަރު
ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ 2015 ވަނަ އަހަރު
ޝަނޫންގެ މައްޗަށް ތިން ދައުވާއެއް، ސިފާމްގެ މައްޗަށް އެއް ދައުވާ
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުވާ ލިބޭ އެރަށު ހީނާވިލާ، މުހައްމަދު ޝަނޫންއަށް ޖަވާބުދާރީވުމަށް ތައްޔާރުވުމަށް 10 ދުވަހުގެ ފުރުސަތެއް ދީފި އެވެ.


އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.

 

ޒިޔަދަމްގެ މަރުގެ މައްސަލައާ ގުޅިގެން ޝަނޫންގެ އިތުރުން، ލ. މުންޑޫ، ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

 

އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އެރަށު ވަގުތީހިޔާ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް އޭނާގެ ފަލަމަސްގަނޑަށް ޝަނޫނާއި ސިފާމް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

 

އަދި އެ ހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެ ދެ މީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވެ އެވެ.

 

ޝަނޫނާއި ސިފާމްގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

 

ކުރިން މި މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އެވެ. ނަމަވެސް، ހޯމަ ދުވަހު ބޭއްވި އަޑުއެހުމާ ހަމައިން މި މައްސަލަ ދެން ބައްލަވާނީ ގާޒީ އާދަމް އާރިފް އެވެ.

 

މި މައްސަލައިގައި އަޑުއެހުމެއް ނުބާއްވާތާ ދެ އަހަރެއްހާ ދުވަސް ފަހުން ހޯމަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ފަރާތުން ވަނީ ޝަނޫންއަށް ވަކީލަކު ހަމަޖައްސައިދީފަ އެވެ. މައްސަލައަށް ޖަވާބުދާރީވުމަށް ހުޅުވާލުމުން ޝަނޫންގެ ވަކީލު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް އަދި ނުލިބޭ ކަމަށާއި ޖަވާބުދާރީވެވޭނީ ލިޔެކިޔުންތައް ލިބުމުން ކަމަށެވެ.

 

އެހެންކަމުން ގާޒީ އާދަމް އާރިފް ވަނީ، ޝަނޫންގެ ވަކީލަށް މައްސަލަ ދިރާސާކޮށް، ޖަވާބުދާރީވުމަށް ތައްޔާރުވުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.

 

ޒިޔަދަމް މަރާލުމުގެ ދައުވާގެ އިތުރުން، އިތުރު ދެ ދައުވާއެއް ޝަނޫންގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ ބިރު ދެއްކުމުގެ ދައުވާއަކާއި މާރާމާރީ ހިންގުމުގެ ދައުވާއެކެވެ. މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ބިރުދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށް ބުނެ އެވެ.

 

އެ ދެ ދައުވާގެ އަޑުއެހުމެއް ވެސް ހޯމަ ދުވަހު ބޭއްވި އެވެ. ނަމަވެސް، އެ ދެ ދައުވާއަކީ ދައުލަތުން ވަކީލުން ހަމަޖައްސައިދޭ ފަދަ ދެ ދައުވާއަށް ނުވާތީ ޝަނޫން އަށް ދައުލަތުން ވަކީލެއް ހަމަޖައްސައިދީފައެއް ނުވެ އެވެ.

 

ޝަނޫން ވަނީ އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފަ އެވެ. އޭނާ ބުނީ ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު ހަމަނުޖެއްސިއްޖެނަމަ އަމިއްލައަށް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.

 

ދައުވާ ލިބޭ މީހުންނަށް ބަންޑާރަނައިބުގެ އޮފީހުން ވަކީލުން ހަމަޖައްސައިދެނީ، މާލީ ހާލަތު ހުންނަ ގޮތުން ވަކީލުން ހަމަނުޖެއްސޭ މައްސަލަތަކުގެ އިތުރުން، ޖިނާއީ ބޮޑެތި މައްސަލަތަކަށެވެ. ނަމަވެސް، މާރާމާރީއާއި ބިރުދެއްކުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ގިންތި ކޮށްފައެއް ނުވެ އެވެ.

 

ޝަނޫން ވަނީ މަރުގެ ދައުވާއެއް ކޮށްފައިވަނިކޮށް އިތުރު ދެ ދައުވާއެއް އުފުލީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އޭނާ ބުނީ އެ މައްސަލަ ސާބިތުވެއްޖެނަމަ މަރަށް މަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށާއި އެހެންކަމުން އިތުރު ދައުވާތަކެއް އުފުލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

 

ގާޒީ އާދަމް އާރިފް ވަނީ އެ ދެ މައްސަލައަށް ވަކީލަކު އައްޔަން ކުރުމަށް ޝަނޫންއަށް 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
11 އޭޕްރިލް 2017 | އަންގާރަ 13:45
Ziyaadam family
Nikamethin nah deragoy... meehun maraameehun nah hurihaaves molhey. Dhenves dhookohlyma ais anekaku maraalan vy.. kihaareethi.... ehdhorun jalah vahdhaafa aneydhorun dhedhuvas vaairah nereyne... kihaaheyvaakaey mee.. gaumugai ziyaadam ge aailaa ah ehves hamajehumehney .. abadhuves thibenjeheny konmeves biruveri kameyge tereyga.. dhen libeyni konfadha bodhu hitaama ehkan neyngifa....
11 އޭޕްރިލް 2017 | އަންގާރަ 13:40
Ziyadam family
Dhivehi daulathun birudehki meehaku sihrukurany kyhkuran.. enmenge kurimathyga hingaadhiya kamey keehkuran sihrukuranvy. Erey emyhun maraalan inzaar dhiny hudhu ziyadhamge bapa ah.. ehen nunas ali shifaamge kohko shizaana ves 2016 vana aharu ali ziyadhamge dhontha aimnath jeeza aai kuri zuvaabehgaves bunefavey on naani ali ziyadham maraaaafa ey ehves kamey nukureveyne ey. Ehenvyma hekives miothy fen nan . Valhi jahaafai huri hurihaa tanehge foto ehves aailaage enme athuga ebahuri... photo ves dehkidhaane e eeves proof dhen kyhve emyhunaa dheytery fiyavalhu neylhen by... a eekee raeesun may nun. E ee hamabodethi kuhverin