2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަތް ތަނާ މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތަހުގީގު ނިންމައި، ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ފަށައިފިއެވެ.
މި މައްސަލައިގައި ސައުދީއަށް ނިސްބަތްވާ 20 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ތުރުކީން އޭރު ވަނީ މި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގެއް ކޮށްފައެވެ. އެގޮތުން ތުހުމަތު ކުރެވިފައިވާ 20 މީހުންގެ ތެރޭގައި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ އަރިސް ދެ ބޭފުޅެއްވެސް ހިމެނޭކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
އޭގެ އިތުރުން، ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަޙްމަދު އަލް އަސީރީއާއި، ރޯޔަލް ކޯޓުގެ މީޑީއާ އެޑްވައިސަރުގެ މައްޗަށްވެސް މި ޖަރީމާ ހިންގުމުގައި އިސްކޮށް އުޅުނު ކަމުގެ ބޮޑެތި ތުޙުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން އެއީ މި ޖަރީމާ ހިންގުމުގެ މޭސްތިރިން ކަމުގައި ތުރުކީން ތުހުމަތު ކޮށްފައިވެއެވެ. އަދި ބާކީ ތިބި 18 މީހުންނަކީ އެމީހުންގެ އަމުރަށް ޚަޝޯގީ ހޭނައްތާލައި، މަރާލުމުގައި އެހީވެދިން މީހުން ކަމަށް ތުރުކީން ބުނެއެވެ.
ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ތުރުކީގެ އިސްތަންބޫލްގައި ކުރިއަށްދާ މި ޝަރީއަތުގެ އަޑުއެހުންތައް ފަށާފައިވާއިރު، ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ކުރިއަށްގެންދަނީ އެމީހުންގެ ޢައިރު ހާޒިރުގައެވެ.
ތުރުކީގައި މި މައްސަލައިގެ ބައިނަލްއަޤުވާމީ ތަޙުޤީޤެއް ކޮށް، ޝަރީއަތް ފަށާފައިވާއިރު، މީގެ ކުރިން ސައުދީ ކޯޓަކުންވެސް މި މައްސަލައިގެ ޝަރީއަތް "ސިއްރުކޮށްގެން" ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޚަޝޯގީގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި 5 މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައި، 3 މީހަކު ޖަލަށް ލާން ޙުކުމް ކޮށްފައިވެއެވެ. ނަަމަވެސް ސިއްރުން ކުރިއަށް ގެންދިޔަ މި ޝަރީއަތުގައި ކުށް ސާބިތުވެފައިވަނީ ކޮން ބައެއްގެ މައްޗަށް ކަންވެސް ހާމަ ކޮށްފައެއް ނުވެއެވެ. އެއާއެކު ސައުދީ ސަރުކާރަށްވެސް މި މައްސަލައިގައި ބޮޑެތި ތުހުމަތު ތަކެއް ވަނީ ކުރެވިފައެވެ.
މި މައްސަލައިގައި އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ތަހުޤީޤުކޮށް، ޚަޝޯގީ މަރާލާފައިވަނީ ވަލީއަހުދު ސަލްމާނުގެ އަމުރަކަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕްރިންސް ސަލްމާން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
އުމުރުން 59 އަހަރުގައި ޚަޝޯގީ މަރާލާފައިވާއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ.