އެޗްވަންއެންވަން ވައިރަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ މި އަހަރުގެ މާޗް މަހުގެ 16 ވީ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ސޯޝަލް މީޑީއާ އެކްޓިވިސްޓް، ޠައްޔިބް ޝަހީމްގެ ސިއްޙީ ހާލަތާއިމެދު ކަންބޮޑުވާކަމަށް ޤާނޫނީ ވަކީލު، ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ޓްވިޓަރގައި ނާޒިމް ވިދާޅުވީ، ދޫނިދޫގައި ޠައްޔިބާއި ބައްދަލުކުރެއްވި ކަމަށާ، މީގެ ދެ ހަފްތާ ކުރިން ޠައްޔިބު ގޮޅީގައި ހުއްޓައި ހޭނެތުނު ކަމަށެވެ. އަދި އެހެންކަމުން، އޭނާގެ ސިއްޙަތާއިމެދު ވަރަށްބޮޑަށް ކަންބޮޑުވާކަން ނާޒިމް ހާމަކުރެއްވިއެވެ.
Met @thayyib in Dunidu. He said he had a blackout a fortnight ago in his cell. Am very concerned about his health @olofblomqvist
— Nazim Sattar (@nazimsat) April 9, 2017
ހައްޔަރުކުރި ފަހުން އެކި ފަހަރުމަތިން ކްރިމިނަލް ކޯޓުން ޠައްޔިބުގެ ބަންދަށް ދުވަސް އިތުރުކޮށްދީފައިވާއިރު، ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން ޠައްޔިބްގެ ގާނޫނީ ވަކީލް، އަލްއުސްތާޛް މަހުފޫޒް ސައީދު ވިދާޅުވީ ޠައްޔިބްގެ މައްޗަށްކޮށްފައިވާ ތުހުމަތަކީ ސޯޝަލް މީޑިއާގައި އެޗްވަންއެންވަންއާ އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ފަތުރަމުންދާކަމުގެ ތުހުމަތު ކަމަށެވެ.
އޭނާ ވިދާޅުވީ، ޠައްޔިބްގެ މައްޗަށް އެ ތުހުމަތުތައް ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޠައްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަން މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ޠައްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.
ޠައްޔިބު ބަންދު ކުރި ފަހުން ވެސް އޭނާގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުން ޓްވީޓް ކުރަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.