ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށް 42 މެންބަރުންގެ ސޮޔާއެކު ނޫނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ގޮތައް ހަދަން އުޅޭ އުޅުމަކީ ގުޅިފައިވާ ޕާޓީތަކަށް ލިބެމުންދާ ކުރިއެރުން އެނގޭތީ ކުރުމަށް މަސައްކަތްކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މ.ކުނޫޒްގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ފާރިސް ވިދާޅުވީ މިދިޔަމަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށްފަހު ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ އިސްލާހީ ހަރަކާތައް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި، އޭގެ ފަހުން ސިޔާސީ މަޝްރަހްގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިގެން ހިނގައްޖެ ކަމަށެވެ. އަދި ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުން ދަނީ އެމަސައްކަތް ހުއްޓުވުމުގެ ގޮތުން ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މަޖިލީހުގެ ޤަވާއިދަށް ގެންނަން ނިންމާފައިވާ އިސްލާހަކީ، އެކުރިއެރުންތައް ސަރުކާރަށްވެސް ފާހަގަ ކުރެވޭތީ ކުރައްވާ ކަމެއް ކަމަށެވެ.
ކުރިއެރުން ލިބޭތީ އެގޮތައް އިސްލާހު ކުރަން އެހުށަހެޅުއްވީ. އެކަން އެބޭފުޅުންނަށް އެނގޭތީ
ފާރިސް ވިދާޅުވީ ކޮންމެ ގޮތަކަށް ކަންކުރެއްވި ނަމަވެސް އަދި ކިތައްމެ ބަދަލެއް ގެންނެވިނަމަވެސް އިސްލާހީ މަސައްކަތް ހުއްޓަވާލައްވަން ނެތްކަމަށެވެ.
ފާރިސް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ މެންބަރުންނަށް ހަޤީގަތް އިތުރަށް ސާފުވެގެންދާ ކަމަށެވެ
މެންބަރުންނަ ލައްވާ ސަރުކާރު ދަމަހައްޓަން އެމެންބަރުންނަށް ލިބިދީފައިވާ ބާރުތައް ދޫކޮށްލާށޭ އެބުނަނީ. އެއީ ޤާނޫން އަސާސީއާވެސް ޚިލާފް ކަމެއް. އަޅުގަނޑުމެން މިތިބީކީ ހުއްޓާލާ ގޮތަކަށް ނޫން
ފާރިސް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާއިރު، އާންމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ރިޔާސަތު ސަލާމަތްކުރުމަށް ގެނެސްފައިވާ އިސްލާހެއްކަމަށާ، އެހެންކަމުން މިއީ އެދެބޭފުޅުންގެ މަސްލަހަތު އޮތް އިސްލާހެއްކަމަށެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެފަދަ އިސްލާހަކަށް ވޯޓަށް އަހާއިރު، އެއިން ބޭފުޅަކު ރިޔާސަތުގައި ނީންނެވުންކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.
ފާރިސް މައުމޫން ވިދާޅުވީ މިމައްސަލާގައި ގާނޫނީ ބޭފުޅުންގެ ލަފާ ހޯއްދަވާނެކަމަށާ ހޯމަދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނާއިބް ރައީސްއަށް ރިޔާސަތުގައި އިންނެވޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.