އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާ އެ ޤައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑެން ކެމްޕެއިން ރެލީތައް ބާއްވަން ޤަސްތު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެކި ސްޓޭޓުތަކުގައި ކެމްޕެއިން ރެލީތައް ބާއްވަމުން ގެންދަވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަން އޮތުމާއެކު، ބައިޑެން އެފަދައިން ކެމްޕެއިން ރެލީތައް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
ބައިޑެންއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޑެލާވާރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑެން ވަނީ މިއީ ފަހުގެ ތާރީޚެއްގައި އަންނަ ހުރިހާ ގޮތަކުން ވެސް ތަފާތު ކެމްޕެއިނަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ކޮންމެ ގޮތެއް ވިޔަސް، އެމަނިކުފާނު އިސް ކުރައްވާނީ ސިއްހީ މާހިރުންގެ ބަސްކަން ފާހަގަ ކުރައްވައި ބައިޑެން ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސް ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބައިޑެން ވަނީ އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދު ކުރައްވާފައެވެ. އެކަމާ ގުޅިގެން ޓްރަމްޕްގެ ކެމްޕެއިން ރެލީތަކުގައި ބައިޑެންއަށް މުޚާތަބު ކުރައްވައި "ހައިޑިންގ ބައިޑެން" އޭ ވިދާޅުވެ، މަލާމަތް ކުރައްވަމުން ގެންދަވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
ބައިޑެން ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ އިތުރުން، ބިލް ކްލިންޓަންގެ ވެރިކަމުގައި ޖޮއިންޓް ޗީފް އޮފް ސްޓޭޓްގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ. ޖޯ ބައިޑެން އަށް ތާޢީދު ކުރައްވަން ނިންމެވިކަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އިތުރުން، ބައިޑެން އާ އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރައްވާ، ފަހުން ޕްރައިމަރީން ވަކިވެ ވަޑައިގެންފައިވާ ބަރނީ ސެންޑަރސްވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.