ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް 31 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ބުނެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވައިވާ އިސްލާހު ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިމިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ގަވާއިދަށް ގެނެއުމަށް ހުށަހަޅާފައިވާ އެ އިސްލާހު ފާސްކުރުމަށެވެ.
މަޖިލީހުގެ އާއްމު ކޮމެޓީން އާދިއްތަ ދުވަހު ހަވީރު ކުއްލި ގޮތަކަށް ބައްދަލުވުމެއް ބާއްވާ، މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) އިސްލާހު ކުރުމަށާއި (އ)ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް އާއްމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އާއްމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް އެއިސްލާހުތައް ގެނެސްފައިވާއިރު އޭގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމުގެ އަޣުލަބިއްޔަތު ވޯޓެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހުގެ މެންދުރު ހުށަހަޅާފައި ވަނިކޮށް، ހަވީރު 4:30 ހާއިރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުން، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ފާސްކުރީ ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ވޯޓު ފާސްކުރުމަށް އިދިކޮޅު މެމްބަރުން ވޯޓު ދެއްވާފައެއްނުވެއެވެ.
އާއްމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައި ނަމަވެސް އެ އެ އިސްލާހުތައް ފާސް ވާނީ މަޖިލީހުގައި ނެގޭ ވޯޓުގެ އަޣްލަބިއްޔަތުންނެވެ.
މި ބަދަލު ކޮމިޓީން ގެނައިއިރު، އާދީއްތަ ދުވަހު ހަވީރު ބޭއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޕްރެސް ކޮންފަރެންސްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަސީހުގެ ވޯޓް ކޮންމެ ގޮތަކުން ވިޔަސް ހުއްޓުވޭނެ ގޮތަކަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނާނެ ކަމަށެވެ.