ރޯލިން ސްޓޯންސްގެ ލަވަތައް ބޭނުން ނުކުރުމަށް ބުނެ އެ ބޭންޑުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދީފިއެވެ.
އެ ބޭންޑުގެ ލީގަލް ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުއްދަ ނެތި އެ ބޭންޑުގެ ލަވަތައް ބޭނުން ކުރުވުން ހުއްޓުވުމަށްޓަކައި ޕާރޕޯމިންގް ރައިޓްސް އޯގަނައިޒޭޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމެރިކާގެ އޮކްލަހޯމާގައި މިދިޔަ ހަފްތާގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕްގެ ކެމްޕޭން ޓީމުން ވަނީ ރޯލިން ސްޓޯންސް ބޭންޑުގެ ލަވައެއް ކަމުގައިވާ "ޔޫ ކާންޓް ގެޓް އޯލްވޭސް ވަޓް ޔޫ ވޯންޓް" ލަވަ ކެމްޕޭން ހަރަކާތެއްގައި ބޭނުންކޮށްފައެވެ. އަދި ހަމަ މި ލަވަ 2016 ވަނަ އަހަރު ވެސް ރައީސް ކަމަށް ކުރިމަތިލެއްވުމަށް ކެމްޕެއިން ކުރެއްވިއިރު ޓްރަމްޕްގެ ޓީމުން ވަނީ މި ލަވަ ބޭނުންކޮށްފައެވެ. އެ އަހަރު ވެސް ރޯލިން ސްޓޯންސް ބުނެފައިވަނީ އެ ބޭންޑުން ޑޮނަލްޑް ޓްރަމްޕް އެންޑޯސް ނުކުރާ ކަމަށެވެ.
ރޯލިން ސްޓޯންސްގެ ހުއްދަ ނެތި ކެމްޕޭއިން ހަރަކާތްތަކުގައި އެ ބޭންޑުގެ ލަވަތައް ބޭނުންކުރާ ކަމަށްވާނަމަ ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބޭންޑުން ވަނީ ބުނެފައެވެ.
ހަތަރު މެމްބަރުންނާ އެކު 1962 ގައި އުފެއްދި "ރޯލިން ސްޓޯންސް" އަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ރޮކް ބޭންޑެވެ. ބޭންޑްގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ މިކް، ކެއިތު ރިޗަޑްސް، ޗާލީ ވޮޓްސް އަދި ރޯނީ ވުޑެވެ.
އެމެރިކާގެ އޮކްލަހޯމާގައި ޓްރަމްޕް އިންތިޒާމު ކުރެއްވި ކެމްޕެއިން ރެލީއަށް މިލިއަނެއްހާ މީހުން ދާނެ ކަމަށް އެމަނިކުފާނު އަންދާޒާ ކުރެއްވި ނަމަވެސް، 19,000 މީހުންވެސް ހަމަނުވާ ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ.