ދެ މަސް ދުވަހުގެ މުއްދަތަކަށް ފަހު، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލުމަށް ނިންމައިފިއެވެ.
ސްރީލަންކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއު އިއުލާނު ކުރަން ނިންމީ މި އަހަރުގެ މާރޗު މަހުގެ 20 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކާފިއުއަށް ލުއިތަކެއް ދިނުމަށްފަހު، ފަހުން ނިންމާފައިވަނީ ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށެވެ.
ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ލަންކާގައި އިއުލާނުކޮށްފައިވާ ކާފިއު ވަނީ އެއްކޮށް އުވާލާފައެވެ. ކާފިއު އުވާލި ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ލަންކާގެ ރައީސް އޮފީހާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
އާބާދީގެ ގޮތުން ބަލާއިރު ލަންކާގައި ރިޕޯޓް ކުރެވުނު ކޮވިޑް-19 ގެ ކޭސްތައް ނިސްބަތުން މަދެވެ. މިހާތަނަށް ލަންކާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2033 މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ބޭރުގެ ގައުމުތަކުން ލަންކާއަށް އެތެރެވި އެ ގައުމުގެ ރައްޔިތުންނެވެ.