ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އިތުރު 3 މީހަކާއި ދެކޮޅަށް އެގައުމުގެ "އެންޓި ގްރާފްޓް ބޮޑީ"ން ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅައިފިއެވެ.
ނަވާޒާއި އިތުރު 3 މީހަކާއި ދެކޮޅަށް ހުށަހެޅި ކޮރަޕްޝަންގެ މައްސަލައަކީ މީގެ 34 އަހަރު ކުރިން ޕަންޖާބުގެ ބިމެއް ގަވާއިދާ ހިލާފަށް ބަޔަކަށް ދިން މައްސަލައިގައި ޝާމިލްވާކަމަށް ބުނެއެވެ. މި މައްސަލައާއި ގުޅިގެން ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގެން އުޅުއްވާ ނަވާޒު ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.
ޕާކިސްތާންގެ ނެޝަނަލް އެކައުންޓިބިލިޓީ ބިއުރޯ (އެންއޭބީ) ވަނީ އެތައް ފަހަރެއްގެ މަތިން މި މައްސަލައިގައި ހާޒިރުވުމަށް އެންގުމުން ހާޒިރުވެވަޑައިގެންފައި ނުވާތީ އެންޓި ކޮރަޕްޝަން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގައި ހިމެނޭ އަނެއް ތިން މީހުންނަކީ ޖިއޯ މީޑިއާ ގްރޫއްޕުގެ ވެރިޔާ ޝަކިލުރ ރަހުމާނާއި، ލަހޯރް ޑިވަލަޕްމަންޓް އޮތޯރިޓީގެ ކުރީގެ ޑިރެކްޓަރ ހުމޭން ފާއިޒް ރަސޫލާއި ބިންމާއި ބެހޭ އިދާރާގެ ކުރީގެ ޑިރެކްޓަރ މިއާން ބަޝީރެވެ.
މި މައްސަލައަކީ 1986 ވަނަ އަހަރު ޕަންޖާބުގެ ޗީފް މިނިސްޓަރުކަމުގައި ނަވާޒު ހުންނެވި އިރު، ލަހޯރުގެ 54 ބިމެއް ގަވާއިދާ ހިލާފަށް ޝަކިލުރ ރަހުމާނަށް ދިން މައްސަލައެކެވެ. ރަހުމާން ވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު މި މައްސަލައިގައި ހައްޔަރު ކޮށްފައެވެ.
އެންއޭބީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ނަވާޒާއި އަނެއް ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބިންތައް ދިނުމުގައި ނަހަމަ ގޮތުގައި އިދާރާތައް ބޭނުންކޮށްގެން ދީފައިވާ ކަމަށެވެ.
އާލާސްކަންފުޅާއިގެން ނަވާޒު ލަންޑަނަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި، ލަހޯރްގެ ކޯޓުން 4 ހަފްތާއަށް ބޭސްފަރުވާއަށް ދިއުމަށް ހުއްދަ ދިނުމުންނެވެ. އަދި 4 ހަފްތާ ތެރޭގައި ނުވަތަ ބަލިހާލަތު ހުންނެވި ގޮތުން ދަތުރު ކުރެއްވުމަށް ޑޮކްޓަރުން ހުއްދަ ދެއްވައިފިނަމަ އެނބުރި ގައުމަށް ވަޑައިގަންނަވާނެކަމަށް ކޯޓުގައި ވައުދުވެވަޑައިގެންފައެވެ.
ނަމަވެސް ގައުމަށް އެނބުރި އަންނަންޖެހޭ މުއްދަތު ފަހަނައަޅާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ނަވާޒު އާއިލާއެކު ލަންޑަންގެ ކެފޭއެއްގައި ސައި ބައްލަވަން އިންނެވި ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. އަދި މި މައްސަލައިގައި ނަވާޒު އަނބުރާ ގެނައުމަށް ގޮވާލާ ޕާކިސްތާންގެ ވެރިކަން ކުރާ ތާރީކޭ އިންސާފްގެ މެންބަރުން އަންނަނީ ގޮވާލަމުންނެވެ.