ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ހިންގުމުގެ ބާރުތައް ލިބުމަށް މަގުފަހިވި ސިވިލް ކޯޓުގެ ހުކުމާ ޚިލާފަށް އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަލީމް ވިދާޅުވެއްޖެ އެވެ.
އަލީމްގެ މައްޗަށް ޝަރީއަތް ހިންގަމުންދަނީ، ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ހުކުމް ކޮށްފައިވަނިކޮށް އެ ހުކުމުގެ ބާރު ނަފީކޮށް ހުކުމަށް ކިޔަމަންވުމެއް އަދި ތަބާވުމެއް ނެތި ޕީޕީއެމްގެ ނަމުގައި ވަކިން ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި، ސުލޫކީ ކޮމެޓީން އެ ޕާޓީގެ ބައެއް މެންބަރުން ވަކިކުރިކަމަށް ބުނެ ޕީޕީއެމްގެ ނަމުގައި ވަކި ހަރަކާތްތަކެއް ހިންގަމުން ގެންދާތީ އެ އަމަލީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ބުނެ ސިވިލް ކޯޓުން އަމިއްލައަށް ބަލަމުންދާ މައްސަލައެއްގަ އެވެ.
ސިވިލް ކޯޓުން އެފަދަ މައްސަލައެއް ބަލަން ފަށާފައިވަނީ ހުކުމާ ޚިލާފަށް އަލީމް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ބުނެ ޕީޕީއެމުން ސިވިލް ކޯޓަށް ސިޓީ ފޮނުވައި ޝަކުވާ ކޮށްފައިވަނިކޮށެވެ. ކޯޓުން ވަނީ އަލީމްގެ މައްޗަށް ހިންގާ ޝަރީއަތަށް ޕީޕީއެމް ތަދައްޚުލް ވެސް ކުރުވާފަ އެވެ.
އެ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވަމުން އަލީމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ކޯޓުގެ ހުކުމަކާ ޚިލާފަށް އަލީމް މަސައްކަތް ކުރައްވައި، އަދި ކޯޓުގެ އަމުރާ ޚިލާފު ކަމެއް ކުރަން އެއްވެސް ފަރާތަކަށް އަންގަވާފައި ވެސް ނުވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ އެއްވެސް ކޯޓަކުން ޕީޕީއެމްގެ އަސާސީ ގަވާއިދު ސަސްޕެންޑުކޮށްފައިނުވާ ކަމަށާއި އެހެންކަމުން މިހާރު ވެސް އަމަލުކުރަމުން ދާންޖެހޭނީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ކަމަށެވެ. އަދި ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ ހުރިހާ މައްސަލައެއް ހައްލުވާނީ އަސާސީ ގަވާއިދަށް އަމަލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ހުކުމް އިއްވުމުގެ ކުރިން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑުކޮށް، ވަގުތީ ސުލޫކީ ކޮމެޓީއެއް ޕާޓީގެ ކައުންސިލުން އުފައްދާފައިވާ ކަމަށެވެ. އެހެންކަމުން، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނުއާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ޕާޓީން ވަކިކުރީ ކައުންސިލުން އައްޔަންކޮށްފައިވާ ސުލޫކީ ކޮމެޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވަމުންދާ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިހާނާއި އިލްހާމް ވަކިކުރަން ނިންމި ސުލޫކީ ކޮމެޓީގެ އިތުރުން ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންތައް ސާފުކުރުމަށް އަލީމަށް އަންގަވާފަ އެވެ. އަލީމް ވަނީ މެންބަރުންގެ ނަންތައް ބަޔާނެއްގައި ސިފައިގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހުގެ މެންދުރު 1:30 އަށް ވަނީ ތާވަލުކޮށްފަ އެވެ.