ކޮވިޑް-19އާ ގުޅިގެން ވިއެޓްނާމްގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަމަށް ގެނެސް ފުރަތަމަ ފަހަރަށް ޖަޕާނުން ފްލައިޓްތައް އައުމުގެ ހުއްދަ ދީފިއެވެ.
އެގޮތުން ބުރާސްފަތި ދުވަހު ވަނީ ޖަޕާނުގެ ވިޔަފާރިވެރިންތަކެއް އެ ޤައުމަށް ވައިގެ މަގުން ދަތުރުކޮށްފައެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ވިއެޓްނާމްގެ ބޯޑަރު ބަންދުކުރި ފަހުން އެ ޤައުމަށް ދަތުރުކުރި ފުރަތަމަ ފްލައިޓެވެ.
ވިއެޓްނާމަށް އަންނަ ބޭރުގެ ފްލައިޓްތައް މަނާކޮށް އެ ޤައުމުގެ ބޯޑަރު ބަންދުކޮށްފައި ވަނީ މާރޗް މަހުގެ ތެރޭގައެވެ. އަދި 100ށް ވުރެ ގިނަ ޤައުމުތަކުން ޖަޕާނަށް އެތެރެވުން މަނާކޮށްފައިވާއިރު މީގެ ތެރޭގައި ވިއެޓްނާމް ވެސް ހިމެނެއެވެ.
ނަމަވެސް ދެ ޤައުމުން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ޗާޓާޑް ފްލައިޓްތައް ދަތުރުކުރުން އަލުން ވަނީ ފަށާފައެވެ. މި ފްލައިޓުން ދަތުރުކުރި 150 މީހުން ފުރުމުގެ ކުރިން ހަށިގަނޑުގެ ފިނި ހޫނުމިން ބަލާ، ކޮވިޑަށް ޓެސްޓް ކޮށްފައިވެއެވެ. އަދި ވިއެޓްނާމަށް އެތެރެވުމަށްފަހު 2 ހަފްތާ ވަންދެން ހޮޓަލެއްގައި ކަރަންޓީން ކޮށްފައިވެއެވެ.
މީގެ އިތުރުން ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ޗާޓާޑް 2 ފްލައިޓް ދެ ޤައުމުގެ ދޭތެރޭގައި ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ފްލައިޓުގައި 440 މީހުން ޖަޕާނުން ވިއެޓްނާމަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރު ކުރި މީހުންގެ ތެރެއިން 130 މީހުންނަކީ ޓޯކިޔޯގައި ހުންނަ ޖަޕާނުގެ އިލެކްޓްރޯނިކްގެ އާލާތްތައް އުފައްދާ ޝާޕް ކޯޕަރޭޝަންގެ މުވައްޒަފުންނެވެ.