ކ. މާލެ
|
24 ޖޫން 2020 | ބުދަ 11:57
އިންޑިއާގެ ވެރިރަށް ދިއްލީ
އިންޑިއާގެ ވެރިރަށް ދިއްލީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިއާގެ ހާލަތު
ދިއްލީން ދުވާލެއްގެ މައްޗަށް ފެނުނު ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ
ދިއްލީން މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ ޖުމުލަ އަދަދު 60،000ށް ވުރެ ގިނަ
މުމްބާއީގައި މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 68،000
ހުރިހާ ގޭބިސީއެއްގައި ދިރިއުޅޭ މީހުން ވައިރަސްއަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފައި

އިންޑިއާގެ ވެރިރަށް ދިއްލީން ދުވާލެއްގެ މައްޗަށް ފެނުނު ކޮވިޑް-19 ކޭސްތަކުގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިއްލީން 4000ށް ވުރެ ގިނަ މީހުން އަލަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ. އެއާއެކު ދިއްލީން މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 60،000ށް ވުރެ ވެސް އިތުރުވެފައެވެ.

ދިއްލީއަކީ މިވަގުތު އިންޑިއާގައި ދެވަނަ އަށް އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރެވިފައިވާ އަވަށެވެ. އިންޑިއާ އިން އެންމެ ގިނަ ކޭސްތައް މިހާތަނަށް ރިޕޯޓް ކޮށްފައިވަނީ މުމްބާއިންނެވެ. އެހެން ނަމަވެސް މުމްބާއީގެ އަދަދުތައް ފާއިތުވި ދުވަސްތަކުގައި ދަށްވަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު މުމްބާއީން އަލަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 800 ކޭސްއެވެ.

މުމްބާއީގައި މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 68،000 އެވެ. އެހެން ނަމަވެސް ދިއްލީން ފެންނަމުންދާ ކޭސްތައް އިތުރުވުމާއެކު، ކުރިއަށް އޮތް ތަނުގައި މުޅި އިންޑިއާއިން ވެސް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވާ އަވަށަކަށް ދިއްލީ ވުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދިއްލީގައި ފެންނަމުންދާ ކޭސްތަކުގެ މިންވަރު މަދު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ހުރިހާ ގޭބިސީއެއްގައި ދިރިއުޅޭ މީހުން ވައިރަހައަށް ޓެސްޓް ކުރުމަށް ދިއްލީ ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން މިހާތަނަށް 440،000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާއިރު، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 14،000ށް ވުރެން އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް