ޓިވެޓާއި ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖު ފޮރ ޓެކްނީޝަންސް އެޑިއުކޭޝަން ގުޅިގެން ހިންގާ ކޯސްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިފެކްޓިވް ޓީޗިންގ މެތޮޑޮލޮޖީޒް (އޮންލައިން ޑެލިވެރީ) ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ބޭނުމަކީ އޮންލައިންކޮށް ކުރިއަށް ގެންދާ ޓިވެޓް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއެކު، ޓިވެޓް ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ދަސްކުރުމެވެ. މި މަސައްކަތު ބައްދަލުވުން ހަތަރު ދުވަހަށް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭގެ ސްކޫލުތަކުން 25 ދަސްވާރު ކޯޑިނޭޓަރުން މި ވޯކްޝޮޕުގައި ބައިވެރިވެފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޓިވެޓް ކޯސްތައް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ޓިވެޓް ނިޒާމް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ޓިވެޓުން އަންނަނީ ތަފާތު ހުނަރުތައް ދަސްކޮށްދޭ ކޯސްތައް ހިންގަމުންނެވެ. އެގޮތުން ސްކޫލުތަކަށް ހާއްސަކޮށް ހުނަރު ދަސްކޮށްދިނުމަށް ދަސްވާރު ޕްރޮގްރާމާއި، ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ކޯސްތަކާއި ނަރުހުން ތަމްރީނު ކުރުމުގެ ކޯސްތަކާއި ކޭޝިއަރުން ތަމްރީނު ކުރުމުގެ ކޯސްތައް ޓިވެޓުން ދަނީ ހިންގަމުންނެވެ.
ޓިވެޓް ޕްރޮގްރާމުތައް 2008 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ އިރު މިދިޔަ އަހަރު އެކަނި 322 ކުދިން ވަނީ ތަފާތު އެކި ކޯސްތަކުގައ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން 2015 އަހަރު 659 ކުދިން ވަނީ ކޯސްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އެއީ މިހާތަނަށް އެންމެ ގިނަ ކުދިން ކޯސްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލް ކުރި އަހަރެވެ.