މިވަގުތު ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީް ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އެކަން ދިވެހި ފުލުހުންނަށްވެސް މިހާރު ޤަބޫލު ކުރެވިފައިވާކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ރިޔާޒް މިފަދައިން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ ކުނޫޒުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، އެ ޖަލްސާއަކީ ކުނޫޒުގެ ޕޯޑިއަމްގައި ވާހަކަދެއްކޭނެ އެންމެފަހު ޖަލްސާއަށްވެދާނެކަމަށެވެ. އެގޮތުން ރިޔާޒް ވިދާޅުވީ، އާދިއްތަ ދުވަހުވެސް އޭނާ ހައްޔަރުކޮށްފާނެ ކަމަށެވެ. އަދި އަބްދުﷲ ރިޔާޒް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ.
ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެގޮތުން އެކަން ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފަށާއި ޤާސިމް ހައްޔަރުކުރި ފުލުހުންނަށް އަދި ފުލުހުންގެ ތެރޭގައި އުޅޭ ޤާނޫނީ ވަކީލުންނަށްވެސް މިހާރު އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އެހެން ވެގެން ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަޚް އަހުމަދު އަރީފަށް އިލްތިމާސް ކުރަން މިހާރުން މިހާރަށް އޮންރަބްލް ޤާސިމް އިބްރާހީމް ދޫކޮށްލުމަށް. އެމަނިކުފާނު ބަންދުކޮށްފައި އެހުރީ ސީދާ ޤާނޫނާ ޚިލާފަށް. އެހެޔޮ ކްރިމިނަލް ކޯޓުގެ އަމުރަކުން ވިއަސް ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފް އިޖުރާއަތަކުން. ޤާނޫނުގައި އެބައޮތް ވަރަށް ތަފްސީލްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރެއް ނުކުރެވޭނެޔޭ ޖިނާއީ ކުށެއް ކުރަނިކޮށް މެނުވީ. އަދި އެފަދަ ކަމެއް ކުރެވޭނީ މަތީ ސުޕީރިއަރ ކޯޓެއްގެ އަމުރަކުންކަން އަދި އެއަމުރަށް އެދެވޭނީވެސް ޕްރޮސެކިއުޓަރ ޖެނެރލަށްކަން. މިއަދު އަޅުގަނޑަށް ޔަޤީންވޭ ދިވެހި ފުލުހުންނަށްވެސް އެކަން ޤަބޫލު ކުރެވިއްޖެކަން. އަޅުގަނޑަށް ޔަޤީންވޭ ޕޮލިސް ކޮމިޝަނަރއަށްވެސް އެނގިއްޖެކަން މިހެދުނީ ގޯހެއްކަން. އަޅުގަނޑަށް ޔަޤީންވޭ ފުލުހުންގެ ތެރޭގައި ތިއްބަވާ ޤާނޫނީ ވަކީލުންނަށްވެސް އެނގިއްޖެކަން. އެހެންވީމަ މިހާރު އެބައުޅުއްވާ ރައީސް ޔާމީން ބޮލަށް ތެޔޮ އަރައިގެން" ޕޮލިސް ކޮމިޝަނަރކަން ކުރައްވާފައިވާ ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކަމެއް ގޯސްކޮށް ނިންމިދާނެ ކަމަށާއި އެހެންނަމަވެސް އެކަން އެކުރެވުނީ ގޯސްކޮށްކަން އެނގުނީމާ އެކަން ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ޤާސިމް ދޫކޮށް ނުލައި އެކަން ހައްލެއް ނުކުރެއްވޭނެކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ޢަބްދުﷲ ޤާޟީ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ކުރުމަށް އިޝާރާތްކުރައްވާ ރިޔާޒް ވިދާޅުވީ ޤާސިމް ހައްޔަރު ކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަން ހޯމް މިނިސްޓަރަށާއި ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ޢަބްދުﷲ ޤާޒީ ދޫކޮށްލައްވަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނުހެން ޤާސިމް ދޫކޮށްލުމަށް އަމުރެއް ނެރެން ޖެހޭ ކަމަށާއި ޤާނޫނަކީ އެންމެންގެ މައްޗަށް ހިނގާ އެއް ޤާނޫނެއް ކަމަށެވެ.
"ކޮބާތޯ ޕްރޮސެކިއުޓަރ ޖެނެރަލް. ޕްރޮސެކިއުޓަރ ޖެނެރަލް އަމުރުކުރައްވަން ޖެހޭނެ. ކޮބައިތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން. އެބޭފުޅުންވެސް ސަލާމަތީ ބާރުތަކަށް ފުލުހުންނަށް އަމުރުކުރަން ޖެހޭނެ. ޢަބްދުﷲ ޤާޒީ ދޫކޮށްލުމަށް އަމުރުކުރިހެން އަމުރު ކުރަން ޖެހޭނެ. ވަކި މީހަކަށް ޤާނޫނެއް ނޯންނާނެ" ރިޔާޒް ވިދާޅުވިއެވެ.