ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަންކޮށް، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި އދ. މާމިގިލީގައި ހޮނިހިރު ދުވަހު ބޮޑު މުޒާހަރާއެއް ކޮށްފި އެވެ.
ބުރާސްފަތި ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން ހޮނިހިރު ދުވަހު މާމިގިލީގައި ބޭއްވި މުޒާހަރާގައި ފެންފުށީ ރައްޔިތުން ވެސް ބައިވެރިވި އެވެ. ގާސިމާއި އިދިކޮޅު ސިޔާސީ ލީޑަރު މިނިވަން ކުރުމަށް ގޮވާލާފައިވާ ޝިއާރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން، މި މުޒާހަރާގައި މާމިގިއްޔާއި ފެންފުށީ ދެ ޖިންސްގެ މީހުން ބައިވެރިވި އެވެ.
ގާސިމްގެ އުފަން ރަށުގައި ބޭއްވި މި މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ، ގާސިމާއި އެހެން ސިޔާސީ ހައްޔަރީން މިނިވަން ނުކުރަނީސް މުޒާހަރާކުރުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނާމެދު ބޭއިންސާފުން އަމަލުކުރުން ހުއްޓާލުމަށާއި ފުލުހުންވެސް ރައްޔިތުންނާމެދު އިންސާފުން އަދި ގާނޫނީ ހަމަތަކުގެ މަތީން އަމަލުކުރުމަށެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖާގަދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
ގާސިމަކީ އެ އަތޮޅަށާއި، ރަށަށް އެކަނި މުހިއްމުވާ ބޭފުޅެއް ނޫންކަމަށާއި މުޅި ދިވެހިރާއްޖެއަށް ގާސިމްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ދީލަތި ބޭފުޅެއްކަމަށް މުޒާހަރާގެ ބައިވެރިން ބަމުންދިޔަ އެވެ. ގާސިމް ހައްޔަރުކުރީ ވެސް ދިވެހި އެތައް ރައްޔިތުންނެއްގެ ލޯބި ގާސިމް ހޯއްދަވާފައި ވާއިރު، ސަރުކާރަށް އެކަން ހަޖަމު ނުވެގެން ކަމަށް އެ މީހުން ބުންޏެވެ.
މާމިގިލީގެ އިތުރުން ގާސިމާއި އިދިކޮޅު ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި ޅ. ނައިފަރާއި، ބ. ތުޅާދޫ އާއި އައްޑު އާއި ފުވައްމުލަކުގައި ވެސް އިހްތިޖާޖުކުރި އެވެ.