ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓަލާތީ ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި އިސްލާހީ ހަރަކާތުގައި އިސްކޮށްއުޅުއްވާ އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހީމް ހަނީފް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ހަނީފް ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން އަގު ވެއްޓޭ ގޮތަށް ދޮގު ޚަބަރު ފަތުރާކަމަށް ބުނެ ކަމަށް ހަނީފް ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވަނީ ވިދާޅުވެފަ އެވެ.
މާރޗް 30 ވަނަ ދުވަހުގެ ރޭ ކޯޓް އަމުރެއްގެ ދަށުން ހަނީފް ހައްޔަރުކުރުމަށްފަހު ފުލުހުންގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ. އެ ހަތް ދުވަސް ހަމަވުމުން މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ހަނީފް ގޭ ބަންދަށް ފަސް ދުވަސް ޖަހާފަ ކަމަށް ގާނޫނީ ވަކީލު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހަނީފް ހައްޔަރު ކޮށްފައި ވަނީ އޭނާ ގޭގައި ހުންނަވަނިކޮށެވެ.
ހަނީފް ހައްޔަރު ކުރުމާގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވާ އެކްޓިވިސްޓް ހަނީފް ހައްޔަރު ކޮށްފައިވަނީ ސިޔާސީ މަޤްޞަދަކަށްޓަކައި ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މަޤްޞަދަށްޓަކައި މީހުން ހައްޔަރުކުރުން ހުއްޓާލުމަށް އަލީ ޒާހިރު ވަނީ ގޮވާލައްވާފަ އެވެ.
ހަނީފް ހައްޔަރުކޮށްފައިވާ އިރު މިދުވަސްވަރަކީ އިދިކޮޅު ސިޔާސީ ފަރާތްތައް ފުލުހުން ހާޒިރުކުރުން އިތުރުވެފައިވާ ދުވަސްވަރެކެވެ. އެ ގޮތުން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ އިދާރާއަށް ދެފަހަރެއްގެ މަތިން ގާސިމް ހާޒިރު ކުރުމަށްފަހު މިދިއަ ބުރާސަފަތި ދުވަހު ފުލުހުން ވަނީ ގާސިމް ހައްޔަރު ކުރައްވާފަ އެވެ. އަދި ގާސިމް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ހަ ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.