ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 19:37
ޮޕެރިސް ޗާލްސް އެއަރޕޯޓް؛ ޖޫން 15ން ފެށިގެން އީޔޫގެ ގައުމުތަކުގެ ތެރޭގައި ދަތުރުކުރުމުގެ ހުއްދަ ފްރާންސުން ވަނީ ދީފައި
ފްރާންސް 24
ފްރާންސުން އިތުރު ލުއިތަކެއް ދިނުން
ޔޫރަޕްގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށް ފްރާންސުން ހޯމަ ދުވަހު ހުއްދަ ދެނީ
ހޯމަ ދުވަހުން ފެށިގެން އީޔޫގެ މެންބަރު ގައުމުތަކުންނާއި، އެންޑޯރާ، އައިސްލޭންޑް، ލިޗްޓެންސްޓައިން، މޮނާކޯ، ނޯވޭ، ސޭން މެރީނޯ، ސްވިޒަރލޭންޑް އަދި ވެޓިކަންއިން ދަތުރުކުރެވޭނެ
ޔޫރަޕްގެ ސައްހައްދުން އަންނަ މީހުން ކަރަންޓީންވާކަށް ނުޖެހޭ

ގައުމުން ބޭރަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް ޔޫރަޕްގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށް ހޯމަ ދުވަހުން ފެށިގެން ފްރާންސުން ހުއްދަ ދޭން ނިންމައިފިއެވެ.

ދަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭނެކަން ހާމަކޮށްފައިވަނީ އެގައުމުގެ އިންޓީރިއަރ މިނިސްޓަރ ކްރިސްޓޮފަރ ކަސްޓަނަރ އަދި ފޮރިން މިނިސްޓަރު ޖީންއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ހަބަރު ފަތުރާފައިވާ ގޮތުން، ހޯމަ ދުވަހުން ފެށިގެން އީޔޫގެ މެންބަރު ގައުމުތަކުންނާއި، އެންޑޯރާ، އައިސްލޭންޑް، ލިޗްޓެންސްޓައިން، މޮނާކޯ، ނޯވޭ، ސޭން މެރީނޯ، ސްވިޒަރލޭންޑް އަދި ވެޓިކަންއިން ދަތުރުކުރާ ފަރާތްތަކުން އެއްވެސް ހުރަހަކާ ނުލާ ފްރާންސަށް އެތެރެވެވޭނެއެވެ.

އަލަށް އަމަލުކުރަން ފަށާ އުސޫލުގެ ދަށުން ޔޫރަޕްގެ ސައްހައްދުން އަންނަ މީހުން ކަރަންޓީންވާކަށް ނުޖެހެއެވެ. ނަމަވެސް ސްޕެއިން އަދި ޔޫކޭއިން އަންނަ މީހުންނާ މެދު އަމަލުކުރެވޭ ގޮތް ތަފާނު ވާނެ ކަމަށް ފްރާންސުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ޖޫން 21 ވަނަ ދުވަހާ ހަމައަށް ސްޕެއިން އިން އަންނަ މީހުންނާ މެދު އަމަލުކުރެވޭ ގޮތް ތަފާތުވާނެ ކަމަށާއި، އެގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަކަށް ވައިގެ މަގުން ދަތުރުކުރާ މީހުން ކަރަންޓީން ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ޔޫކޭއިން އަންނަ މީހުންނަށް ވެސް ހުރަހެއް ނެތި ޖޫން 15 އިން ފެށިގެން ފްރާންސަށް އެތެރެވެވޭނެ ކަމަށާއި، ނަމަވެސް 14 ދުވަސް ކަރަންޓީންގައި ހޭދަ ކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މަޑުމަޑުން ޝެންގެން ޒޯންގެ ބޯޑަރު ޖުލައި 1 އިން ފެށިގެން ހުޅުވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބޭރުގެ ދަރިވަރުންނަށް ވިސާ އަދި ރެސިޑެންސް ޕަރމިޓް ދިނުމުގައި ވެސް އިސްކަންދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޖޫން 15ން ފެށިގެން ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ އިރު، ކޮވިޑް-19އާ ގުޅިގެން ފަރަންސޭސްވިލާތުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖުލައި މަހުގެ ދިހައަކުން ފެށިގެން އުވާލަން ވަނީ ނިންމާފައެވެ.

އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ ލޮކްޑައުން އުވާލި ނަމަވެސް ކުރިއަށް އޮތް ހަތަރު މަސް ދުވަސް ވަންދެން، މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމާއި ގިނަ މީހުން އެއްވެ އުޅުނު މަނާކުރުމުގެ އިހުތިޔާރު ސަރުކާރަށް އޮންނާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އިތުރު އެއްވެސް ނިންމުމެއް ނިންމަން ޖެހޭނަމަ އެކަން ކުރާނީ ޤާނޫނު ހަދާ މަޖިލީހުން ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރ ނިކޯލް ބިލުބޭޓް ވަނީ ވިދާޅުވެފައެވެ. ބިލުބޭޓް މިހެން ވިދާޅުވީ، ސަރުކާރުން އެޅި ފިޔަވަޅުތަކުގައި ޖިނާއީ ކުށެއް އެކުލެވޭތޯ ބެލުމަށް ޕެރިހުގެ ޕްރޮސިކިއުޓަރުން ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ފަރަންސޭސްވިލާތުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް ބޭރަށް ނުކުންނައިރު, މާސްކު އެޅުމަށާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ވަނީ އިރުޝާދުދީފައެވެ. އަދި އޮފީސްތަކުގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމުން ދިއުމަށް ވަނީ އެދިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަރަންސޭސްވިލާތުގެ ފިނޭންސް މިނިސްޓަރ ބްރޫނޯ ލިމެއަރ ވިދާޅުވެފައިވަނީ ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް، އެ ގައުމުގެ ވިޔަފާރިތަކާއި އެހެނިހެން މަސައްކަތަކަށް ނިކުތުން އަވަސްކުރަންޖެހޭ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކަނިވެސް، އެގައުމުގެ އިގްތިސާދު ދަށަށް ގޮސް ބައި މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް