ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ފުލުހުން ގަސްތުގައި ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ބޭއްވި އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ތަފާތު އަނިޔާތައް ފުލުހުންގެ ފަރާތުން ލިބިފައިވަނިކޮށެވެ.
ރާއްޖެއެމްވީ އިން ކުރި ސުވާލަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއްވުންތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުން ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ނޫސްވެރިންގެ ގަޔަށް ގަސްދުގައި ޕެޕާ ސްޕްރޭ ޖަހައި، ސީދާ ނޫސްވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް، ގިނަ އަދަދެއްގެ މީހުން އެއްވެގެން އުޅޭއިރު، އެއްވުންތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރާއިރު އެތަނެއްގައި ހުންނަ ނޫސްވެރިއެއްގެ ގަޔަށް ޕެޕާ ސްޕްރޭ ދިއުމަކީ ގަސްދުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ވަކި ބަޔަކަށް ނޫނީ ވަކި ފަރުދަކަށް އަމާޒުކޮށްގެން ފުލުހުން ބާރުގެ ބޭނުން ކުރާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެހެންކަމުން ނޫސްވެރިންނޭ ކިޔާފައި ނޫސްވެރިންނަށް އަމާޒުކޮށްގެން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށާއި، އޭގެ އިތުރުން ފުލުހުން ބާރުގެ ބޭނުންކުރަނީ އެކަށީގެންވާ މިންވަރަކަށްތޯ ފުލުހުންގެ މުއައްސަސާއިން އަމިއްލައަށް ވެސް ބަލާނެ ކަމަށެވެ.
ނޫސްވެރިންނަށް އަމާޒުކޮށްގެން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ފުލުހުން ބުނާއިރު، ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒު ސަރަހައްދުގައި ބޭއްވި އެއްވުން ކަވަރުކުރަން ތިބި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ނޫސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން ނޫސްވެރިން ގޯޅިގަނޑަކަށް ވެއްދުމަށް ފަހު ޝީލްޑުން ތަޅައި، ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހިކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނެއެވެ. މީގެ އިތުރުން ނޫސްވެރިން ގެންގުޅުނު ކެމެރާތަކާއި މައިކްތަކަށް ފުލުހުން ގެއްލުންދީފައިވާ ކަމަށް ވެސް ބުނެ އެވެ. އަދި އެ ތަނަށް ޕެޕާ ސްޕްރޭ ޖެހި އިރު ގޯޅިގަނޑު ތިބީ ނޫސްވެރިންކަން ފުލުހުންނަށް ކަނޑައެޅިގެން އެނގޭނެ ކަމަށާއި ނޫސްވެރިން ތިބީ ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ ފާސް ވެސް އަޅައިގެން ކަމަށް ނޫސްވެރިން ބުނެފައި ވެއެވެ. އަދި ފާސް ދެއްކުމުން ވެސް ހަޑިހުތުރު ބަހުން ފުލުހުން ނޫސްވެރިންނާ މުހާތަބުކޮށްފައިވާ ކަމަށް ވެސް ނޫސްވެރިން ބުނެއެވެ.
އެގޮތުން ބައެއް ނޫސްވެރިންގެ ލޮލަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމުން ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވެސް ވެއެވެ.
ހުކުރު ދުވަހުގެ މެންދުރު މާލޭގައި ބޭއްވި އެއްވުން ކަވަރުކުރަމުންދިޔަ ނޫސްވެރިންގެ ގަޔަށް ވެސް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފަ އެވެ.