ކ. މާލެ
|
12 ޖޫން 2020 | ހުކުރު 17:32
އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އޭނާގެ އާއިލާގެ މީހުން އެމްބިއުލާންސެއްގައި ގަބުރުސްތާނަށް ގެންދަނީ
އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އޭނާގެ އާއިލާގެ މީހުން އެމްބިއުލާންސެއްގައި ގަބުރުސްތާނަށް ގެންދަނީ
އަލްޖަޒީރާ
އިންޑިއާގައި ކޮވިޑް ޖެހޭ މީހުން
ކޮވިޑް ޖެހޭ މީހުންނާ ދޭތެރޭގައި އިންޑިއާގައި އަމަލުކުރަމުންދަނީ ޖަނަވާރުންނާ ދޭތެރޭ އަމަލުކުރާ ގޮތަށްވުރެ ނުބައިކޮށް!
އިންޑިއާގައި ބަލިޖެހުނު މީހުންގެ އަދަދު މުޅިން ކަށަވަރު ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ
މަރުވާ މީހުންގެ ހަށިގަނޑު ނަގާ ކުނިއެއްޗަށްލާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ފާޑުވިދާޅުވެފައި
ނިއުދިއްލީގެ ކޭސްތައް ޖުލައިމަހުގެ ނިޔަލަށް ބައި މިލިއަނަށް އަރާނެކަަމަށް ވަނީ ލަފާކޮށްފައި

އިންޑިއާގައި ކޮވިޑް-19 ޖެހޭ ބަލި މީހުންނާ ދޭތެރޭގައި ހޮސްޕިޓަލުތަކުންނާއި ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހުން އެގައުމުގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުން ފާޅުކޮށްފިއެވެ.

އިންޑިއާގެ މައި ސަރުކާރާއި ކުދި ސަރުކާރުތަކަށް ސްޕްރީމް ކޯޓުން ފޮނުވި ނޯޓިސް އެއްގައި ބުނެފައިވަނީ ކޮވިޑް-19 ޖެހުނު މީހުނާއި ދޭތެރޭގައި އަމަލުކުރަމުންދަނީ ޖަނަވާރުންނާއި ދޭތެރޭގައި އަމަލުކުރަމުންދާ ގޮތަށްވުރެ ނުބައިކޮށް ކަމަށެވެ. އަދި މިއީ ލަދުވެތި ހާލަތެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ކުނިތަކުގެ ތެރެއިން ފެނިފައިވާ ކަމަށާއި، ބަލި މީހުން މަރުވަމުންދާ އިރު ވެސް އެމީހަކަށް އަޅާލާނެ މީހަކު ވެސް ނެތް ކަމަށެވެ.

ކޯޓުން ވަނީ މުމްބާއީ އަދި ޗެންނާއީ އަށްވުރެ ދިއްލީގައި ކޮވިޑް-19 ޓެސްޓް ކުރަމުންދާ މިންވަރު މަރު ކަމަށް ބުނެ ދިއްލީގެ ސަރުކާރަށް ފާޑު ކިޔާފައެވެ. މި ތިން ސިޓީ އަކީ އިންޑިއާގައި އެންމެ ބޮޑަށް ބަލި ފެތުރެމުންދާ ސިޓީތަކެވެ.

ހުކުރު ދުވަހު އެކަނި އިންޑިއާއިން ވަނީ 10956 މީހަކު އަލަށް ބަލިޖެހިގެން ރިޕޯޓް ކޮށްފައެވެ. އަދި ފާއިތުވި 24 ގަޑި އިރު ތެރޭގައި 396 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ދުވަހެވެ.

އިންޑިއާގައި ރިޕޯޓް ކުރަމުން އަންނަ ކޭސްތައް އިތުރުވުމާއެކު އިންޑިއާ ވަނީ މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ލިސްޓުގެ ހަތަރު ވަނައަށް އަރާފައެވެ. މިހާތަނަށް އައި އިރު އިންޑިއާއިން ވަނީ 3 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. އަދި 8000ށް ވުރެ ގިނަ މީހުން އެގައުމުން ވަނީ މަރުވެފައެވެ.

އިންޑިއާގައި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރުވުމާއެކު އެގައުމުގައި މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކަށްވުރެ ކޭސްތައް އިތުރުވާނެކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ސަބަބެއްކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ބުނެފައިވަނީ އިންޑިއާގައި ޓެސްޓް ކުރެވޭ މިންވަރު ނިސްބަތުން ދަށް ކަމަށެވެ.

ނިއުދިއްލީގެ ސިއްހީ ފަރުވާދޭ ތަންތަނަށް ނުކަތާވަރަށް އެ ސިޓީގައި އެކަނިވެސް ކޭސްތައް އަންނަނީ ރިޕޯޓްކުރަމުންނެވެ. ބަލިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަމުގެ ޕްރެޝަރާއެކު ސްޓޭޓް ގަވަރމެންޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރ، މަނީޝް ސިސޯޑިއާ ވިދާޅުވެފައިވަނީ ނިއުދިއްލީގައި ރިޕޯޓްކުރަމުން އަންނަ ކޭސްތައް 35،000 އާ ގާތްކުރާ އަދަދަކަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، ޖުލައި މަހުގެ ނިޔަލަށް މި އަދަދު 550،000ށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޭސްތައް އިތުރުވެ ބަލި މީހުން ބަލާނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނުވާއިރު، މީހުން ވަޅުލުމާއި އަންދާލުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު މިހާރު ހުރިވަރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކުގައި މަރުވާ މީހުންގެ ހަށިގަނޑު ބަހައްޓާ މޯޗަރީ ގައި ޖާގަ ނެތުމުގެ ސަބަބުންނާއި ހޫނު މޫސުމުގެ ސަބަބުން މަރުވެފައި ތިބި މީހުންގެ ހަށިގަނޑު ބޮޑެތި އައިސްގަނޑުތަކުގެ މަތީގައި ބަހައްޓާފައިވާ ކަމަށެވެ. އިންޑިއާގެ ފިނިހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް