ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމް ދޫކޮށްލުމަށް ގޮވާލާއި އާންމުން ކުރި އިހްތިޖާޖުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެއްވެސް އިންޒާރެއް ނުދީ އެކަން ކޮށްގެންވާނެ ގޮތަކަށް ނޫން ކަމަށް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށް ދިޔަ އިހްތިޖާޖުގެ ތެރެއިން މީޑިޔާއަށް މައުލޫމާތުދެއްވަމުން ޔުމްނާ ވިދާޅުވީ އެއްވެފައިވާ މީހުންނަށް އެއްވެސް ވަރަކަށް ފަހަތަށް ޖެހުމަށް އިންޒާރެއް ނުދީ ފުލުހުން ޕެޕަރ ސްޕްރޭ އާއި ޓިއަރ ގޭސް ޖަހާފައިވާ ކަމަށެވެ. އަދި މިކަންތައްތައް ހިނގަން ފަށާފައި ވަނީ ޕާޓީތައް ގުޅިގެން އިސްލާޙީ މަސައްކަތް ފަށާފައިވާތީ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދަށް އިތުރު 6 ދުވަސް ޖަހާފައި ވަނީ މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ. ޔުމްނާ ވިދާޅުވީ މަޖިލީހަށް މިކަހަލަ މައްސަލަތައް ހުށަހަޅާފައިވާއިރު މަޖިލިސް މެމްބަރުން ހައްޔަރު ކުރެވިގެން ނުވާނެ ކަމަށެވެ.
ސަރުކާރުގެ މިއަމަލުތަކަކީ އިސްލާހީ މަސައްކަތް މިދާ ބާރު މިނުގައި ކުރިއަށް ދިޔަ ނުދީ ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ޤާބޫލުކުރެވޭ ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި ޤާސިމް އިބްރާހިމް މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިއީ އާންމުން އެއްވެ ކުރި އިޙްތިޖާޖެއްގައި ޔުމްނާ އާއި ކޮއްކޮ ފާރިސް މައުމޫނު މިފަދަ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.