ސައުދީއަރަބިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ލައްކައަކަށް އަރައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސައުދީން މިހާތަނަށް 101،914 (އެއްލައްކަ އެއްހާސް ނުވަސަތޭކަ ސާދަ) މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 712 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައިވެސް އެ ޤައުމުން 3000ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވާކަމަށް އެ ޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަ ކޮށްފައިވެއެވެ.
އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ފާއިތުވި 10 ވަރަކަށް ދުވަސް ތެރޭގައި އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
30 މިލިއަނެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ސައުދީއަރަބިއާއިން ކޮވިޑް-19 ގެ ކޭސްއެއް ފުރަތަމަ ރިޕޯޓް ކުރެވުނީ މިއަހަރުގެ މާރޗު މަހުގެ 2 ވަނަ ދުވަހުއެވެ. އެއަށްފަހު ގިނަ ކޭސްތަކެއް ފެންނަމުންގޮސް، އެ ޤައުމުން ފެނުނު ކޭސްތަކުގެ އަދަދު ބައި ލައްކައަށް އަރާފައިވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.
ސައުދީއަރަބިއާގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން ގެންދާއިރު، ދެމަސް ދުވަހުގެ މެދު ކެނޑުމަކަށް ފަހު މަދީނާގެ ބޮޑެތި މިސްކިއްތައްވެސް ވަނީ ހުޅުވާލާފައެވެ. އޭގެ އިތުރުން، މެއި މަހުގެ 31 ން ފެށިގެން ސައުދީ އަރަބިއްޔާގެ އެތެރޭގެ އުދުހުންތައްވެސް އަލުން ވަނީ ފަށާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސައުދީއަރަބިއާގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ޤައުމުން ފެންނަމުންދިޔަ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ.