އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާ އެޤައުމުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއަށް އެ ޤައުމުގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ކޮލިން ޕަވަލް ތާއީދު ކުރައްވައިފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ އިތުރުން، ބިލް ކްލިންޓަންގެ ވެރިކަމުގައި ޖޮއިންޓް ޗީފް އޮފް ސްޓޭޓްގެ ޗެއަރމަންކަން ވެސް ކުރައްވާފައިވާ ކޮލިންގެ ތާއީދު ބައިޑަންއަށް އޮތްކަން އާދިއްތަ ދުވަހު ވަނީ ހާމަ ކުރައްވާފައެވެ.
އެއާއެކު ކޮލިން ވެވަޑައިގެންފައި ވަނީ ޓްރަމްޕްވެސް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީން ޓްރަމްޕް އާ ދެކޮޅަށް ނުކުންނެވި ފުރަތަމަ ބޭފުޅަކަށެވެ.
1991 ވަނަ އަހަރު ގަލްފް ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާ ހިންގުމުގައިވެސް އެންމެ އިސް ރޯލެއް އަދާ ކުރެއްވި ކޮލިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ޤާނޫނު އަސާސީއާ ޚިލާފުވެ ވަޑައިގަންނަވާފައިވާ ކަމަށާއި، އެމަނިކުފާނަކީ އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްކަމަށް ވިދާޅުވެފައެވެ.
ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ކޮލިން ވަނީ ނޮވެމްބަރު މަހު އެ ޤައުމުގައި އޮންނަ ރިޔާސީ އިންތިޙާބުގައި ވޯޓު ދެއްވާނީ ބައިޑަންއަށް ކަމަށް ވިދާޅުވެފައެވެ.
2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޙާބުގައިވެސް ކޮލިން ޓްރަމްޕަށް ތާއީދު ކުރައްވާފައެއް ނުވެއެވެ. އެފަހަރުވެސް ކޮލިން ވޯޓު ދެއްވީ ޓްރަމްޕާ ވާދައަށް ނުކުންނެވި ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންއަށެވެ.
އޭގެ އިތުރުން، ޖޯ ބައިޑެން އަށް ތާޢީދު ކުރައްވަން ނިންމެވިކަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އިތުރުން، ބައިޑެން އާ އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރައްވާ، ފަހުން ޕްރައިމަރީން ވަކިވެ ވަޑައިގެންފައިވާ ބަރނީ ސެންޑަރސްވެސް ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން ބައިޑެން އަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ކަށަވަރު ވީވެސް އޭނާ އާއި އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރެއްވި ބާނީ ސެންޑަރސް ޕްރައިމަރީން ވަކިވެ ވަޑައިގެންނެވިކަން އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.