ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓުގައި ކަންކަން ހިނގައިދިޔަ ގޮތާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ޖަރުމަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލަންކާގައި ހުންނަ ޖަރުމަނީގެ އެމްބަސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ފަރާތްތަކަށް ޖެއްސުން ކުރުމާއި ބިރު ދެއްކުން އާންމުވެފައިވާ ކަމަށާއި އެއީ މިނިވަން ޑިމޮކްރަސީއެއްގެ އުސޫލެއް ނޫން ކަމަށެވެ. އަދި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ނެގި ވޯޓަކީ މަޖިލީހުގެ ގަވާއިދުތަކާއި އުސޫލުތަކާ ދެކޮޅަށް ނެގި ވޯޓެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އިތުބާރު ނެތް ކަމުގެ ވޯޓުނެގި އިރު، މަޖިލިހުގެ ތެރެއަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަަކަށް މަޖިލިހަށް ވަނުމަށް ހުރަސް އަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ޖަރުމަން ސަރުކާރުން ވަނީ މީޑިޔާ އާއި މަޖިލިސް މެންބަރުންނާއި މަދަނީ ޖަމިއްޔާތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކުރިމަތި ކުރުވަމުން އަންނަ ދަތިތައް ހުއްޓާލާ ޑިކޮމްރަސީގެ ރިވެތި އުސޫލުތައް ގާއިމްކުރުމަށް ގޮވާލާފަ އެވެ.
ޖަރުމަނީން މި ބަޔާން ނެރެފައި ވަނީ އިދިކޮޅު ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވ ދަނޑިވަޅެއްގަ އެވެ. ޖަރުމަނީގެ އިތުރުން ކެނެޑާ، އެމެރިކާ، އިގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން، ޔުނައިޓެޑް ނޭޝަންސް ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.