ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިރުޝާދު ދީފިއެވެ.
ބޭރުގައި އުޅޭއިރު މާސްކް އެޅުން ރިކޮމެންޑް ނުކުރާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރިން ބުނެފައިވީ ނަމަވެސް، އެ ޖަމިއްޔާއިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު، މާސްކް އެޅުމަކީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަމެއްކަން އެނގިފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 ވައިރަސް ފަތުރާ "ޑްރޮޕްލެޓްސް" ތަކުން ރައްކާތެރިވުމަށްޓަކައި ސަރުކާރު ތަކުން ރައްޔިތުންނަށް މާސްކް އެޅުމަށް ބާރު އެޅުމަށް ޓެޑްރޯސް ވަނީ ގޮވާލައްވާފައެވެ. ޚާއްސަ ގޮތެއްގައި ގިނަ މީހުން އެއްވެ އުޅޭ ތަނެއްނަމަ މާސްކް އެޅުން ލާޒިމު ކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ. ޚާއްސަ ގޮތެއްގައި އާންމު ދަތުރުފަތުރު ކުރާ ތަންތަނާއި، ފިހާރަތަކުގެ އިތުރުން، ބަންދުވެފައިވާ ތަންތަނަށް އާންމުން ދާ ނަމަ މާސްކް އެޅުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް އެކްސްޕަރޓް އޮން ކޮވިޑް-19 ޑރ މާރިޔާ ވެންކޫވަރ ވިދާޅުވީ، ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ އާންމުން ފޮތި މާސްކް ބޭނުން ކުރުމަށް ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި، ބަލިތައް ތަޙައްމަލު ކުރަންޖެހޭ މީހުން ނަމަ ސަރޖިކަލް މާސްކް އެޅުމަށް އިރުޝާދު ދީފައިވެއެވެ.
ޑރ މާރިޔާ ވިދާޅުވީ، ފޮތި މާސްކް ހަދާއިރު، މަދުވެގެން 3 ފަށަލަ ހުންނަންޖެހޭނެ ކަމަށެވެ. އަދި އެއިން ކޮންމެ ފަށަލައެއްގައި ތަފާތު މެޓީރިއަލްއެއްގެ ފެބްރިކެއް ބޭނުން ކުރުން ރަނގަޅުކަމަށްވެސް ޑރ ވިދާޅުވިއެވެ.
މުޅި ދުނިޔެއިން މިހާތަނަށް 6.7 މިލިއަނަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4 ލައްކައަށް އަރާފައެވެ.