ކޮވިޑް-19 އާއި ގުޅިގެން ބަންދު ކުރި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ މިސްކިތްތައް ހުކުރު ދުވަހު އަލުން ހުޅުވައިފި އެވެ.
ތިން މަސް ދުވަސް ފަހުން ޖަކާޓާގެ މިސްކިއްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ހުޅުވާފައިވާއިރު، އިމާމުވެ ނަމާދު ކުރެއްވީ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ. ޖަމާއަތުގައި ވިޑޯޑޯ ނަމާދު ކުރެއްވީ ރިޔާސީ ގަނޑުވަރު ތެރޭގައި ހުންނަ ބައިތުއްރަހީމް މިސްކިތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑޮނޭޝިޔާގައި އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ވިޑޯޑޯ ހުންނެވީ މާސްކް އަޅުއްވައިގެންނެވެ. އަދި މިސްކިތަށް ވަދެވަޑައިގެންނެވުމުގެ ކުރިން ހަށިގަނޑުގެ ފިނި ހޫނުމިން ހުންނެވި ވަރު ޗެކްކުރައްވާފައި ވެއެވެ.
އިންޑޮނޭޝިއާގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކޮށްފައި ވަނީ ހެލްތު ޕްރޮޓޮކޯލްގެ ދަށުން ހަށިގަނޑުގެ ފިނިހޫނުމިން ބެލުމާއި، އިޖުތިމާޢީ ގައިދުކުރުން ބަހައްޓައިގެންނެވެ. ޖަކާޓާގެ މިސްކިތްތައް އަލުން ހުޅުވާފައިވާ އިރު، އަލަށް ޢަމަލުކުރަން ފެށި ޕްރޮޓޮކޯލްގެ ދަށުން މިސްކިތަށް ނަމާދަށްދާ ފަރާތްތަކުން އަމިއްލަ މުޞްޙަފަ ފަދަ ތަކެތި ގެންދިއުމަށާއި، މާސްކް އެޅުން އަދި މިސްކިތަށް ދިއުމުގެ ކުރިން ގެއިން ވުޟޫކުރުމަށް ވަނީ އަންގާފަ އެވެ.
އަލަން ޢަމަލުކުރަން ފެށި އުޞޫލާއެކު މިސްކިތްތަކުގައި އެއްފަހަރަ ނަމާދު ކުރެވޭނީ 150 މީހުންނަށެވެ. މީގެކުރިން ޢާންމު ޙާލަތުގައި ޖަކާޓާގެ މިސްކިތެއްގައި 750 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.
ދުނިޔޭގެ އެންމެ ގިނަ މުސްލިމުންގެ އާބާދީ އޮންނަ އިންޑޮނޭޝިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން އެ ޤައުމުން ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މަރޗް މަހުގެ 31 ވަނަ ދުވަހު އިޢުލާނުކޮށްފަ އެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ދަތުރުފަތުރު ކުރުން މަނާކޮށް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެކި ޞަރަޙައްދުތަކަށް ފުލުހުންނާއި ސިފައިންގެ ސަފުތައް ރުކުރުވާލާފައި ވެއެވެ.
އިންޑޮނޭޝިއާގައި މިހާތަނަށް 29 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު، 1770 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.