ފުލުފުލުގައި ރާއްޖެޓީވީ ޖޫރިމަނާކުރަމުންދާތީ މުސާރައިން ފަންސާސް ހާސް ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރުމާ ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ އަބުރު ފަންޑަށް ފަންސާސް ހާސް ރުފިޔާ ދޭން ނިންމީ އޭނާގެ މުސާރައިން ކަމަށާއި ރާއްޖެޓީވީން ކުރާ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށެވެ.
Alhugandu ge Musaara in 50K @Raajje_tv ge Aburu fund ah dheyn ninmaifin. RTV in e kuraa masakkathakee gaumee Jihaadhei. @hussainfiyaz
— Ali Nizar (@DhekunuNizar) April 6, 2017
ނިޒާރު ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެމްބަރުން ކިހިލި ޖަހާލައިގެން ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން އުޅޭ ކަމަށާއި މިގޮތަށް ކަންތައް ކުރުމުން ރައްޔިތުން އެކަމާއި ސުވާލުކުރާނެ ކަމަށެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުރާސްފަތި ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށްފަހު އެވެ.
ބުރާސްފަތި ދުވަހު އެއް މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާކުރިއިރު، މީގެ ކުރިން ކޮށްފައިވާ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ދައްކާފައިވަނީ ވެސް ބުރާސްފަތި ދުވަހު އެވެ.