ޖަލުތަކުގައި ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން ހަރުކަށި ފިކުރުގެ މީހުންނަށް ޚާއްސަކޮށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޚާއްސަ ޔުނިޓެއް ޤާއިމު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ހަރުކަށި ފިކުރުގެ މީހުން "ހަމަ މަގަށް" ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޖަލުތަކުގައި ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން އެކި ބާވަތުގެ ކުށްތަކުގައި ބަންދު ކޮށްފައި ތިބި މީހުން ވަކި ކުރިއިރުވެސް އެފަދަ ކުށްތަކުގައި ހައްޔަރު ކޮށްފައިވާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިންކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޖަލުތަކުން އެފަދަ މައްސަލަތައް ފެންމަތި ވެފައިވާއިރު، އެ ދުވަސްވަރުން ފަށައިގެން މިހާތަނަށް ވެސް އެފަދަ މީހުން ބައިތިއްބާފައި ތިބީ އެހެން ޤައިދީންނާއެކު މަސްހުނި ވެފައިވާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އެފަދަ މީހުންނަށް ޚާއްސަކޮށްގެން ޤާއިމު ކުރާ ޔުނިޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް މަޑުޖެހިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ޙާލަތްތަކުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެތަން ބޭނުން ކުރަން ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ވަކި ޔުނިޓެއްގައި އެމީހުން ބަންދު ކުރުމަށްފަހު، ޚާއްސަ ރިހެބިލިޓޭޝަން ޕޮރޮގްރާމްތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެމީހުންގެ ހުރިހާ ހަރަކާތްތައް ގާތުން މޮނިޓަރ ކުރެވޭނެކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. އަދި މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއާއި، ރާއްޖޭގެ ޢިލްމުވެރިންގެވެސް އެހީއާއެކު ކުރެވޭ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.