ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ހެލްތު މިނިސްޓަރަށް ދިން ނަމަވެސް ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް އެޓަރނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މީހުން ކަރަންޓީނު ކުރުމަށް އަމިއްލަ ޢިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ޤަވައިދެއް އެކުލަވާލައި އެއަށް ޢަމަލު ކުރަން ފަށާފައި ވާއިރު، އެކަމާ ގުޅިގެން އޭޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ވަޒީރަށް ދީފައި ވަނީ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ 37 ވަނަ މާއްދާއިން އެކުލަވާލި ޤަވާއިދަކުން ކަމަށެވެ. އެގޮތުން އެއީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި، މީހުން ކަރަންޓީނު ކުރުމަށް އެތަނެއް ކޮންމެހެންވެސް ބޭނުންވެއްޖެ ޙާލަތެއްގައި ކަމަށް އޭޖީ ވިދާޅުވި އެވެ.
އޭޖީ އެހެން ވިދާޅުވެފައި ވާއިރު، ވަކި ޢިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ވަޒީރަށް ދީފައި ވަނީ އެ ޤާނޫނުގެ ދަށުންނެވެ. އަދި އެކަމާ ބެހޭ ޤަވާއިދުތަކާއި އުޞޫލުތައް އެކުލަވާލާފައި އޮންނަން ޖެހޭކަން 2012 ވަނަ އަހަރު ވުޖޫދުވި މި ޤާނޫނުގައި ވަނީ ބަޔާން ކޮށްފަ އެވެ.
އޭގެ އިތުރުން، ވަޒީރުގެ ނިންމުން ޤަބޫލު ނުކުރެވޭނަމަ ޢިމާރާތެއް ޙަވާލުކުރަން ކޯޓަށް ޢަމުރު ކުރެވޭކަން ބަޔާން ކުރައްވައި އޭޖީ އިތުރަށް ވިދާޅުވީ، އެފަދައިން ނެގޭ ޢިމާރާތެއް ވެސް 1 އަހަރަށް ވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭނެ ކަމަށެވެ. އަދި ޢިމާރާތް ބޭނުންކުރާ މުއްދަތާއި، އެފަދަ ތަނެއް ޢާންމުކޮށް ކުއްޔަށްދޭ އަގަށް ބަލައި، ވެރިފަރާތަށް ފައިސާ ލިބިދިނުން ޤާނޫނުން ލާޒިމު ކުރާކަންވެސް އޭޖީ ފާހަގަ ކޮށްފައި ވެއެވެ.
އެހެން ނަމަވެސް ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް ފައިސާ ދައްކާ ގޮތަށް ޢާންމު މަންފާއަކަށް އެ ޢިމާރާތެއް ޙަވާލު ކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ނޫންކަމަށް އޭޖީ ވިދާޅުވި އެވެ. އައި ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަޤީންކަން ވެސް އޭޖީ ވަނީ ދެއްވާފަ އެވެ.
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއަކީ މުދާ ހޯދުމާއި، ގެންގުޅުމާ ގުޅޭ މާއްދާއެ ކެވެ. އެގޮތުން މުދާ ހޯދުމާއި، މިލްކު ކުރުމާއި، ވާރުތަ ކުރުމާއި، މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާކަމަށް އެ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ.