މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށާއި އަދި އެމަނިކުފާނު ހައްޔަރުކުރުމުން ދައްކުވައިދެނީ ސަރުކާރުގެ ފިނޑިކަން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު އިރާކޮޅުގެ ވަގުތެއްގައި ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ދިވެހި ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މައްޗަށް ގާނޫނީ ހަމަތަކުގެ ބޭރުން ސިޔާސީ ނުފޫޒު ފޯރުވައިގެން ހަމަޔާއި އިންސާފުގެ ބޭރުން ކަމަށެވެ.
ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރެފައިވާ މި ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިފަދަ ޣައިރު ގާނޫނީ އަމަލުތަކަކީ ސަރުކާރުގެ ފިނޑިކަން ދައްކުވައިދޭ ކަމެއް ކަމަށާއި އަދި މި އަމަލުތަކަކީ ސަރުކާރުގެ ތާއީދު ގެއްލި ސިޔާސީ ބާރުވެރިކަން ބީވަމުންދާތީ އެކަން ފޮރުވުމައްޓަކައި ހިންގާ އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.
އަދާލަތު ޕާޓީގެ ނޫސްބަޔަނުގައި ބުނެފައި ވަނީ ހިނގަމުން މިދާ ރިޔާސީ ދައުރު ފެށުނު ފަހުން ވާދަވެރި ސިޔާސީ ފަރާތްތައް އެކީ ނައްތާލުމަށް ސަރުކާރުން ކުރިއަށްގެންދާ ގާނޫނާ ހިލާފް މަސައްކަތް އިންތިހާ އަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބަންދުކޮށްފައި ވުމުން ދޭހަކޮށްދެނީ ސުލްހަވެރި ކަމާއި އަމާންކަމާއެކު ހަމަޖެހޭ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމުގެ ގާބިލުކަން ރައީސް ޔާމިނުގެ ކިބައިގައި އެއްވެސް މިންވަރަކަށް ނެތްކަން ކަމަށެވެ.
ގާސިމް އިބްރާހިމާއި ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ނެރެފައިވާ މި ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވާދަވެރި ސިޔާސީ ފަރާތްތަކަށް ޖެއްސުންކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. ހަމަ އެއާއެކު އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަނާއި ފަސާދަ ނެތިކޮށްލުމަށާއި ރައީސް ޔާމީނުގެ ވެރިކަން ގާނޫނުގެ ވެރިކަން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ތަންދޭ އެންމެ މަތީ ދަރަޖައިގައި އިހުތިޖާޖް ކުރުން މަތީ ދެމި ތިބޭނެ ކަމަށް އެޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އިތުރަށް މި ނޫސްބަޔާނުގައި ބުނެފައި ވަނީ މިފަހަކަށް އައިސް ސަރުކާރު ގާނޫނުގެ އިމުގެ ތެރެއަށް ވައްދާ ގައުމު މަސަލަސް ކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތަށް ގާނޫނުގެ ބޭރުން ނުފޫޒު ފޯރުވާ ބިރުވެރިކަމާއި އަނިޔާވެރިކަން ފަތިރައިގެން އެ މަސައްކަތް ހުއްޓުވުމަށްޓަކައި ދުރާލާ ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށެވެ.