ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މުސުމާވެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މި ސަރަހައްދަށް ހުދު އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 8:30ން މެންދަމު 1:00 އަށެވެ.
ކުރިއަށް އޮތް 24 ގަޑި އިރު (ހުކުރު ދުވަހުގެރޭ 8:00ން ހޮނިހިރު ދުވަހުގެރޭ 8:00ށް) ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓް ހުންނާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.