ވިޔަފާރިކުރަން ހުއްދަދޭ ތަންތަނަށް އެއް ބީދައިން ހުއްދަ ނުދެވޭނެކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިރޫޝް ވިދާޅުވީ އަލަން ޢަމަލުކުރާ އުޞޫލާއެކު މަގުމަތީގައި މިހާރު ހޭދަކުރާ ވަގުތު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ. ޑރ. ފައިރޫޝް ވިދާޅުވީ ކުރިން ދީފައި ވާނީ ކޮންމެ މީހަކަށް 1 ގަޑި އިރު ކަމަށާއި، އެވަގުތު 2 ގަޑި އިރަށް ބަދަލުވެގެންދިޔުމަށް މަގުމަތީގައި އުޅޭ ވަގުތުވެސް ގިނަ ވެގެންދާނެ ކަމަށެވެ.
އެހެންނަމަވެސް ކުރިއާ ޚިލާފަށް ވަގުތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އެ ބަދަލަކީ ހެނދުނު 9ން ރޭގަނޑު 9ށް ފިހާރަތައް ހުޅުވިފައި ހުންނާނީ ޢާންމު ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދަން ކަމަށެވެ. އަދި މިހެން ހުޅުވުމަށް ލުޔެއް ލިބިގެން ދާއިރު، ހުރިހާ ފިހާރަތަކާއި ހުރިހާ ވިޔަފާރީގެ ތަންތަނަކީ އެއް ބީދައިން ހުއްދަ ދެވޭ ތަންތަނެއް ނޫން ކަމަށެވެ.
ބައެއް ތަންތަނަކީ އާންމު ރައްޔިތުން އެތަންތަނަށް ވަޑައިގެންފައި އެތަނުން ތަކެތި ގަނެވެނެ ތަންތަން. އަނެއްބައި ތަންތަނަކީ ޑެލިވަރީ ކުރުމުގެ ހުއްދަތަކެއް ދެވޭނެ ތަންތަން. 2 އުސޫލަކުން ތަންތަނަށް ހުއްދަ ދެވިގެންދާނީ. މި އުސޫލުގެ ތެރެއިން އެފަރާތްތަކުން އިހުތިރާމް ކުރާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ދެން އިހްތިރާމް ނުކުރާ ފަރާތްތަކުގެ ހުއްދަ ކެންސަލް ކުރެވިގެންދާނެ. ކުރިން ވެސް ހުންނާނެ މިގޮތަށް ބައެއް ފަރާތްތަކަށް ދޫކުރެވިފައި ހުރި ބައެއް ހުއްދަތައް ބާތިލް ކުރެވިފައި،
ފައިރޫޝް ވިދާޅުވީ މުޖްތަމަޢުގެ ގިނަ ފަރާތްތަތަކީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަނބާ ފަރާތްތަކެއް ކަމަށްވާތީ މާބޮޑު މައްސަލަތަކެއް މީގެ ސަބަބުން ދިމާވާނެ ކަމަށް އުއްމީދެއް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ދީފައިވާ ދޫތަކުގެ ސަބަބުން މަގުމަތީގައި އުޅޭ މީހުން އިތުރުވެގެންދާނެ ކަމަށެވެ.