ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި މައްސަލަ ބަލަމުންދަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން ކަމަށް އެންޓި ކޮރޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ފައިސާ ގޯނި ހިފައިގެން ފައިސާ ބެހިކަމަށް ބުނާ މައްސަލަ ވަކިން ނުބަލާ ކަމަށާއި އެމްއެމްޕީއާރުސީއާ ގުޅުންހުރި ހުރިހާ މައްސަލައެއް ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ތަހުގީގުގެ ތެރެއިން ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ނިމެނީ ކޮން ދުވަހުކުންތޯ ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިންވެސް އޭސީސީން ބުނެފައިވާ ގޮތަށް މި އޭޕްރީލް މަހުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލަ ނިންމޭތޯ ބަލަމުންދާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރުމާއެކު އިދިކޮޅު އެމްޑީޕީން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް އެމައްސަލަ ބަލަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބޭނުންނުވުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
ހަމަ މިދުވަސްވަރު މަޖިލީހުގެ ޖަލްސާއެއްގައި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރު މުހައްމަދު އިސްމާއީލް މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އެފައިސާ ގޯނި ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގެންނެވީ އޭނާކަމަށް ވިދާޅުވެފަ އެވެ.
މުހައްމަދު އިސްމާއީލް އެގޮތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާ މަސީހު މަގާމުން ދުރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ދުރުކުރުމަށް އިދިކޮޅު ޖޮއިންޓް ޕާލަމެޓްރީ ގްރޫޕުން ކުރި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި މަސައްކަތަކާ ގުޅިގެން ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް، ތަހުގީގު ހިންގާ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.