ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީގެ ކަމާ ބެހޭ މުވައްޒަފުންނަށް ފުލުފުލުން ކޯލުތައް ލިބެމުންދިޔައެވެ. ތައިލެންޑްގެ ބައިނަލްއަޤުވާމީ މައި އެއާޕޯޓް ބަންދުކުރުމާއެކު ތައިލެންޑްގައި ތާށިވި ދިވެހިންނަށް އެނބުރި ގައުމަށް އާދެވޭނެ ގޮތަކާމެދު އެމްބަސީގެ ރަސްމީ ބަހެއް ހޯދުމަށްޓަކައެވެ. "ތިކަމާ ފޮރިން މިނިސްޓްރީން މިހާރު މަސަކަތް ކުރަމުން އެބަ ގެންދޭ،" އެމްބަސީގެ އޮފިޝަލުންގެ މި ޖަވާބާ ގުޅިގެން އެންމެނަށްވެސް ޔަގީން ކަށަވަރުކަން ލިބިގެންދިޔައެވެ.
"އެމްބަސީން ދީފައިވާ ނަމްބަރުތަކުން ކޮންމެ ގަޑިއަކުވެސް ފޯނުނަގާނެ. ފޯނު ނުނެގިއްޖެއްޔާ ލަސްނުކޮށް ކޯލްބެކް ކުރާނެ. އަހަރެމެން މާލެ ގެންނަން ފޮރިން މިނިސްޓްރީން، ކޮވިޑް ޓާސްކް ފޯހާ ގުޅިގެން މަސައްކަތްކުރާ ކަމަށް ބުނުމުން އެއް ކަމެއް ޔަޤީންވި. ފޮރިން މިނިސްޓްރީން ބުނާ ގޮތަށް ކަންކަން ވަމުންދާކަން. އެހެންވެ ދެވޭނެ ވަކި ތާރީޚެއް ނޭނގުނަސް ދެވޭނެކަމުގެ ޔަގީންކަން އޮތް،"މަހަކަށްވުރެ ގިނަ ދުވަހު ބެންކޮކްގައި ތާށިވެފައި ހުރުމަށްފަހު، ހޯމަ ދުވަހުގެ ފްލައިޓުން މާލެ އައި ވިޔަފާރިވެރިއެއް
"މާލެއިން ކާބޯތަކެތި ވެސް ގެންދެވުނު މާލެ އާދެވުމުގެ ކުރިން. ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމްބަސީން ހުރިހާ ކަމެއް ސެޓްކޮށްފަ އޮތީ މިނިސްޓްރީއާ ގުޅިގެން، އަހަންނަށް އެނގިފަ އޮތް ގޮތުގަ." ރާއްޖެ އައި އިތުރު މީހަކު އޭނާގެ ޝުއޫރު ފާޅުރިއއެވެ.
ކޮވިޑް-19 ގެ ލޮކްޑައުންގެ ސަބަބުން ތައިލެންޑުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އެނބުރި ގައުމަށް އައުމަށް އެދުނު 26 މީހަކު ހޯމަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ މާލެ ގެނެސްފައެވެ. ތައިލެންޑްގެ ކަމާ ބެހޭ އިދާރާތަކުގެ ޚާއްސަ ހުއްދައާއެކު އެމީހުން މާލެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން، ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާތާ މަހެއްހާ ދުވަސްވެއްޖެ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
"ކަރަންޓީނު ކުރުމުގެ އިންތިޒާމުތަކާ ޤައުމީ ކޮވިޑް ޓާސްކްފޯސް އިން އިސްކަންދޭ ތަރުތީބާ ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމުގައި އެގައުމުތަކުން ހޯދަން ޖެހޭ ޚާއްސަ ހުއްދަތައް ހޯދުމާ ފްލައިޓްގެ ކަންކަން ހަމަޖެއްސުމާ މިހެން ގޮސް ވަރަށް ގިނަ ބަޔަކު ހިމެނޭ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން މިފަދަ ކޮންމެ ކަމެއްވެސް ނިންމާލެވެނީ،"ފޮރިން މިނިސްޓްރީގެ އޮފިޝަލް
"ބޭރުގައި ތާށިވެ، ރާއްޖެ އަންނަން ބޭނުންވެފައިވާ ހުރިހާ ދިވެހިން ވީއެންމެ އަވަސް ފުރުސަތެއްގައި ރާއްޖެ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދެވި ކަމެއް. ދަތިތަކާ އެކުގައިވެސް އެކަންކަން ކާމިޔާބުކަމާއެކު ނިމޭތީ މުޅި ޚާރިޖީ ޓީމުވެސް އުފާވޭ. ތައިލެންޑުގައި ތާށިވެފައި ތިބި މީހުން ގެނެވުނީމަވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ހާރިޖީ ޓީމަށް ލިބުނު."ފޮރިން މިނިސްޓްރީގެ އޮފިޝަލް
ތައިލެންޑުން އެނބުރި އައި ބައެއް މީހުން ބުނީ އެމީހުންނަށް ރާއްޖެ އާދެވުމުން އުފާކުރާ ކަމަށާއި އެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމުން ފޮރިން މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
"ކޮވިޑްގެ ހާލަތު ރާއްޖޭގައި އޮތްގޮތުން އަހަރެމެން އެދޭހާ އަވަހަށް ކަންކަން ނުވެދާނެ ކަމަށް އަހަރެމެންނަށް ޤަބޫލުކުރެވޭ. އެމްބަސީން ދިޔައީ ފޮރިން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަޕްޑޭޓް ދެމުން. އެހެންވީމަ ވަރަށް ހިތްހަމަޖެހުނު" ހޯމަ ދުވަހު މާލެ އައި އެކަކު ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.
ތައިލެންޑްގައި ތާށިވި މީހުންގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލަން ގޮސްތިބި ޒުވާން ކުދިންވެސް ހިމެނެއެވެ. އެމީހުން މާލެ އައިސް ރަށްރަށުގައި ތިބި އާއިލާގެ މީހުންނާއި އެކުވެރިންނަށް ފޮނުވާފައިވާ މެސެޖްތަކުގައި ބުނެފައިވާ ގޮތުގައި "ސަރުކާރެއްގެ މުހިއްމުކަން މި އެނގެނީ މިކަހަލަ ތަޖުރިބާއެއް ކުރަން ޖެހުނީމަ. ފޮރިން މިނިސްޓްރީން ވަރަށް ކޯޕަރޭޓިވް ހުރިހާ ކަމެއްގަވެސް. އަބަދުވެސް ގުޅޭ. ވާނުވާ ބުނެދޭ" ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ސަރުކާރަށް ކޮންމެ ދިވެއްސަކީވެސް މުހިއްމު މީހެއް ކަމަށާއި ހުރިހާ ދިވެހިންނަށްވެސް ތަފާތެއްނެތި އެހީތެރިކަން ފޯރުކޮށްދޭކަން ސަރުކާރުން އަބަދުވެސް ކަށަވަރުކުރާ ކަމަށެވެ.
"މިނިސްޓަރުވެސް ވަރަށް ބޮޑަށް ބައްލަވާކަމެއް، އިސްކަން ދެއްވާ ކަމެއް އެއީ. އެހެންވެ މުޅި ޚާރިޖީ ޓީމުވެސް މިނިސްޓަރުގެ ވިސްނުންފުޅާ ސަރުކާރުގެ އަމާޒާ އެއްގޮތަށް މަސައްކަތްކުރައްވަމުން ގެންދަވާފައިވަނީ. ތައިލެންޑުން މީހުން ގެނައުމުގައިވެސް ނަމޫނާ މަސައްކަތްތަކެއް މި ޓީމުން ކުރައްވައިފި، ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ކުރެއްވި މަސައްކަތްތައްވެސް ވަރަށް މުހިއްމު،" އޮފިޝަލް ވިދާޅިވިއެވެ.