ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި، ދިވެހި ރާއްޖެއަށް މި ބަލިމަޑުކަން އައިސް މުޅިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިޤްތިސާދު ހީނަރުވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވާ ރައީސް ޔާމީނުގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގޮވާލައްވާ ކަމަށެވެ.
އަދި ދެ ބޭފުޅުންގެ މަޝްވަރާކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްޤުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، ހާއްސަކޮށް ޗައިނާއާއި، ސައުދި އަރަބިއްޔާއާއި ވަރަށް ގާތް ގުޅުމެއް އެމަނިކުފާނުގެ ސަރުކާރުގައި ބާއްވާފައިޗވާތީ، މިދެޤައުމުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖެ މި ހާލަތުން އަރައިގަތުމަށް ހޯއްދަވައި ދެއްވޭނެކަން ގަބޫލު ކުރައްވާ ކަމަށެވެ.
އަދި ދިވެހިރައްޔިތުން އެއްގަލަކަށް އަރައި ސިޔާސީ ވާދަވެރިކަން ނެތިކޮށްލާ ޤައުމީ ރޫހެއްގައި ރައްޔިތުންނާއި ޤައުމު ސަލާމަތްކުރުމުގެ މާތް މަޤްސަދުގައި މި ކަންކަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 167 ވަނަ މާއްދާގެ ދަށުން، ގަރާރު ހުށަހަޅުއްވާ ކަމަށް ޖާބިރު މަޖިލީހަށް ފޮނުއްވި ގަރާރުގައި ވިދާޅުވެފައި ވެއެވެ.