25 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ހުކުރު ދުވަހުގެ (މިއަދު) ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން، 28 މެއިގެ އަޞްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ޢިލްމުވެރިންނާއި ކަމާބެހޭ ޞިއްޙީ އިދާރާތަކާ އެކު އެ މިނސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން މި ވަގުތު ރާއްޖޭގައި ލޮކްޑައުންގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރައްތަށް ފިޔަވައި އެހެން ރަށްރަށުގެ މިސްކިތްތައް ޖަމާޢަތުގެ ނަމާދަށް ހުޅުވާލުން އެންމެ ރަނގަޅު ކަމުގައެވެ.
މިގޮތުން މިސްކިތް ހުޅުވާލާއިރު ކައުންސިލުތަކުން ބައެއް ކަންކަމަށް ސަމާލުކަން ދޭންވާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި، މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއަރކޯނު ބޭނުން ނުކުރުމަށާއި، އެއަރކޯން ބޭނުންކުރާ ނަމަވެސް ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުމަށް ވަނީ އަންގާފަ އެވެ.
އަދި މިސްކިތަށް ނަމާދަށްދާ ފާރާތްތަކުން ވެސް ސަމާލުކަން ދޭންވީ ކަންތައްތަކެއް ވަނީ އަންގާފަ އެވެ. އެގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، ކުޑަ މުސައްލާއެއް ގެންދިއުމާއި، މާސްކް އެޅުމާއި، ރޯގާ ޖެހިފައި ނުވަތަ ހުން އައިސްފައި ނުވަތަ ކެއްސާ ނަމަ މިސްކިތަށް ނުދިއުމަށް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ނަމާދު ނިމުމަށް ފަހު މިސްކިތުގައި ގިނައިރު ވަންދެން މަޑު ނުކުރުމާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލި ވުމަށާއި، ޖަމާޢަތުގެ ސަފު ހެދުމުގައި ގައިދުރުކަން ނުބެހެއްޓުމަށް ވަނީ އަންގާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ލޮކްޑައުންގެ ޙާލަތަށް ގެނެސްފައިވާ ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރައްތަށް ފިޔަވައި އެހެން ރަށްރަށުގައި ސަމާލުކަން ދިނުމަށް އަންގާފައިވާ ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ޖަމާޢަތުގައި ނަމާދު ކުރުން އެންމެ ރަނގަޅު ކަމުގައެވެ. އަދި މިހާރު މި ޙާލަތުގައި ނެތް ރަށެއްވެސް މޮނިޓަރިންގެ ހާލަތަށް ނުވަތަ ލޮކްޑައުންގެ ހާލަތަށް އަތުވެއްޖެނަމަ އެރަށެއްގައި މިސްކިތުގެ ޖަމާޢަތް ހެދުން ހުއްޓާލަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތް ކުރެވިގެން، ބަޔާން ކުރެވިފައިވާ ކަންތައްތަކަށްވެފައި މިސްކިތްތައް ހުޅުވާލާއިރު ލުއި ދިނުމުގައި ކުރު ޙަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، މިހާރުގެ ޙާލަތު ރަގަޅުވަމުންދާ ކަމަށް އެޗްޕީއޭއިން ކަޑައަޅައިފި ޙާލަތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމަށެވެ.
ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަ ދީފައި ނުވާ ރަށްތައް؛
- ށ. ނަރުދޫ
- ނ. މަނަދޫ
- ހއ. ތަކަންދޫ
- ކ. ތުލުސްދޫ
- ށ. މިލަންދޫ
- ހއ. އުލިގަމް
- ކ. ހިންމަފުށި
- ށ. މާއުނގޫދޫ
- ށ. ފުނަދޫ
- ށ. ފީވަކު
- ނ. ހޮޅުދޫ
- ނ. ހެނބަދޫ
- ށ. ގޮއިދޫ
- ހދ. ކުމުންދޫ
- ހދ. ހިރިމަރަދޫ
- ނ. ކެނދިކުޅުދޫ
- ހއ. ދިއްދޫ
- ހއ. އުތީމު
- ބ. ކެންދޫ
- ނ. މާފަރު
- ށ. ޅައިމަގު
- ހދ. ކުޅުދުއްފުށި
- ނ. ވެލިދޫ
- ކ. މާފުށި