ތ ގުރައިދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރާ މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އެ ރަށަށް ދަނޑުވެރި ކަމުގެ މަސައްކަތް ކުރުމަށް ގޮސް އުޅޭ ބަންގްލަދޭޝްގެ ފިރިހެނަކު މަރާލާފައި އޮއްވައި ފެނުނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ބުދަ ދުވަހުގެރޭ ދަންވަރު 01:00ހާއިރު ކަމަށެވެ.
އެކަމާ ގުޅޭގޮތުން ގުރައިދޫ ކައުންސިލުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ، ބިދޭސީ މީހާގެ ހަށިގަނޑުގެ ދެތިން ތަނަކަށް ވަޅިން ހަމަލާ ދީފައިވާ ކަމަށާއި، އޭނާ އެއްލާލާފައި އޮއްވައި ފެނުނީވެސް މަސައްކަތް ކުރަމުން ދިޔަ ސައިޓުގެ ކުރިމަތީގައި އޮންނަ ސަރަހައްދުން ކަމަށެވެ.
ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީވެސް އެރަށުގައި މަސައްކަތް ކުރާ ބިދޭސީއެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާއިރު، ހަމަ އެ ރަށުގެ އެހެން ބިދޭސީއެއްގެ ބޮލަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަހަމް ކޮށްލާފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއް ބުދަ ދުވަހުގެރޭ 03:12ހާއިރު ފުލުހުންނަށް ރިޕޯޓް ކުރެވިފައިވެ އެވެ. ފުލުހުން ބުނީ، އޭނާއަށް މިހާރު ގުރައިދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި ދެ މައްސަލަވެސް ފުލުހުން ތަހުޤީޤު ކުރަމުން އަންނަ އިރު، މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ރަށުން މަޢުލޫމާތުދިން ބައެއް ފަރާތްތަކުން ބުނާގޮތުގައި ބިދޭސީ މީހާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ހޯދަމުންދާ މީހާއާ ދެމެދު ހިނގި މާރާމާރީއެއްގައި ކަމަށް ބެލެވެއެވެ.
މިއީ ތޫނު އެއްޗެއް ބޭނުންކޮށްގެން މި އަހަރު ތެރޭގައި މީހަކު މަރާލުމުގެ މިފަދަ ފުރަތަމަ ހާދިސާކަމަށް ފުލުހުން ބުނެއެވެ.