ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ވެސް މުސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެއެވެ.
މި ސަރަހައްދަށް ޔެލޯ އެލަރޓް ނެރިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން މެންދުރު 1:00 އަށެވެ.
ބުރާސްފަތި ދުވަހުގެރޭ 8:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓް ހުންނާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.