Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 00:11
މަޖިލިސް ކޮމެޓީ
މަޖިލިސް ކޮމެޓީ
ރާއްޖެއެމްވީ
ފްލޫ ކޮމެޓީ
"ފްލޫ ކޮމެޓީ" މަޖިލީހަށް ހާޒިރުކުރުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި
ކޮމެޓީ ބައްދަލުވުން އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި
ކުރިން ބައްދަލުވުން ބާއްވަން އޮތީ ބުދަ ދުވަހުގެ ރޭ 8:30 ގައި
މީގެ ކުރިން ވެސް ބައްދަލުވުމެއް ބާއްވަން އުޅެ ނުބޭއްވުނު

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ރޯގާއެއް ކަމަށްވާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ބުދަ ދުވަހު 11:00ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެޗްޕީއޭގެ ކޮމެޓީގެ މެމްބަރުން ހާޒިރުކޮށް އެ ކޮމެޓީގެ ބައްދަލުވުމެއް ބުދަ ދުވަހުގެ ރޭ  8:30 ގައި ބޭއްވުމަށެވެ. ނަމަވެސް އެ ކޮމެޓީގެ ބައްދަލުވުން ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބަދަލުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެކުރިން ވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އެބައްދަލުވުން ފަހުން ވަނީ މަޖިލީހުން ކެންސަލް ކޮށްފަ އެވެ.

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމެޓީގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާފައިވެ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވީ މިއީ ސިޔާސީ ކަމަކަށް ހަދައި ބަހުސް ކުރުމަށްވުރެ ސީރިއަސް މައްސަލައެއް ކަމަށާއި މިހާރު ރޯގާގެ ހާލަތާއި މީގެކުރިން ކަންކަން ހިނގާފައިވާގޮތް ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން ހުރިހާ ކޮމެޓީގެ މެމްބަރުން ނިންމެވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭގެ ޓެކްނިކަލް އެޑަވައިޒަރީ ކޮމެޓީގެ ބޭފުޅުން ހާޒިރުކޮށް އެޗްވަންއެންވަން ރޯގާގެ މައުލޫމާތު ހޯދުމަށެވެ.

މިފަހަކަށް އައިސް އެޗްވަންއެންވަން އިންފްލުއެންޒާގެ "ސްޓޭޓަސް" އެޗްޕީއޭއިން ހާމަ ކުރަމުން ނުދެއެވެ. ނަމަވެސް އެޗްޕީއޭއިން ބުނެފައިވަނީ އެޗްވަންއެންވަން އިންފްލުއެންޒާ ރޯގާ މިހާރު އާއްމު ހާލަތަކަށް ގޮސްފައިވާ ކަމަށާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންވެސް މަދުވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް