ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވަރޭޖް ގޮތެއްގައި ފާހަގަކުރެވެނީ ހަތް މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލެތެރޭގައި ބަލި ފެތުރެން ފެށި ދުވަސްވަރު ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވަރޭޖް 36 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ބައްޔަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރޭޖް ގޮތެއްގައި ފާހަގަކުރެވެނީ ހަތް މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްއެއް ފުރަތަމަ ފެނިފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 51.60 އިންސައްތަ މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން ފެނިފައިވާ މީހުންނެވެ. އެޗްޕީއޭ އިން ދަނީ މާލޭގައި ބަލި ފެތުރިފައި އޮތް މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.