ފުލުހުންގެ އޮޕަރޭޝަންގައި 'ޓޭޒަރ ގަން' ބޭނުންކުރަން ނިންމުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަށް އާންމުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ހޫނު ރައްދެއް ދެއްވައިފި އެވެ.
ޢާންމުންގެ ރައްކާތެރިކަމާއި ފުލުހުންގެ ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން 'ޓޭޒަރ ގަން' ބޭނުންކުރަން ނިންމާފައިވާ ކަމަށާއި މި ވަގުތު 'ޓޭޒަރ ގަން' ބޭނުން ކުރާނީ އަޖުމަ ބެލުމުގެ ގޮތުން ކަމަށް ފުލުހުން ހާމަކުރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔުން އަމާޒުކޮށް ފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ މުއައްސަސާއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ބައެއްކަން ފާހަގަކޮށް، ރާއްޖެ ފަދަ ގައުމެއްގައި އެއީ ކޮންމެހެން ބޭނުންކުރަން ރަނަގަޅު އެއްޗެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޓޭޒަރ ގަން ބޭނުންކުރުމާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފަ އެވެ.
ފާޑުކިޔުންތަކާއި ގުޅިގެން އެެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ގޭންގް މަރާމޭރީ ހުއްޓުވުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އޭސީޕީ ވަނީ ހުޅުމާލޭގައި ފަތުރުވެރިންނަށް ދިން ހަމަލާޔާއި ބިރުދެއްކުން ފަދަ އަމަލުތައް މުޖުތަމައުގައި ކުރިޔަށްދާއިރު އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުރިހަމަޔަށް ތައްޔާރުވެފައި ނެތް މުއައްސައާކަށް ފުލުހުން ވުންތޯ ސުވާލު އުފައްދަވާފަ އެވެ.
ޓޭޒަރ ގަންއަކީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތަކަށް ވާއިރު ޓޭޒަރ ގަން ލިބޭނީ ވަކި ތަމްރީނެއް ފުރިހަމަ ކުރާ ފުލުހުންނަށެވެ. 'ޓޭޒަރ ގަން' އާ އެކު ބޮޑީ ކެމެރާ ބޭނުން ކުރާނެ އެވެ. 'ޓޭޒަރ ގަން' ބޭނުން ކުރަނީ ފުލުހުންނަށް ނުކިޔަމަންތެރިވާ މީހުންނަށް ޝޮކެއް ދިނުމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ގެންދަނީ މި ހަތިޔާރު ބޭނުން ކުރަމުންނެވެ. 2009 ވަނަ އަހަރު އެމެރިކާގެ ޕޮލިސް އެކްޒެކްޓިވް ރިސަރޗް ފޯރަމްގެ ރިޕޯޓު ދައްކާ ގޮތުން 'ޓޭޒަރ ގަން' ބޭނުން ކުރަން ފެށުމުން ފުލުހުންނާ ކުރިމަތިލާއިރު ޢާންމުންގެ ފަރާތުން ލިބޭ އަނިޔާގެ %76 ދަށް ކުރެވިފައި ވެއެވެ.